ދައުލަތަށް ޖޫރިމަނާ އާއި ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އިތުރުވެފައިވާއިރު މީގެތެރޭގައި 17 ބިލިއަން ރުފިޔާގެ ރިސޯޓު ކުލި ހިމެނޭކަން ހާމަވެއްޖެ އެވެ.
އޮޑިޓަ ޖެނެރަލް އޮފީހުން އާއްމުކުރި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 2016 އިން 2020 ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ވަނީ 21.6 ބިލިއަން ރުފިޔާ ފަހަރަ އަޅާފަ އެވެ. އަދި މީގެތެރޭގައި އެންމެ ބޮޑު ހިއްސާއެއް ހިމެނެނީ ރިސޯޓް ތަކުން ދައްކަން ޖެހޭ ކުއްޔެވެ.
ލިބެން ޖެހޭ ފައިސާ
- ރިސޯޓް ކުލި: 17 ބިލިއަން ރުފިޔާ
- ބީޕީޓީ: 1.8 ބިލިއަން ރުފިޔާ
- ޖީއެސްޓީ: 1.6 ބިލިއަން ރުފިޔާ
- ޓީޖީއެސްޓީ: 642 މިލިއަން
- އެހެނިހެން އާމްދަނީ އާއި ޖޫރިމަނާ: 632 މިލިއަން
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ނުލިބިހުރި އާމްދަނީގެ 78 ޕަސެންޓް ހިއްސާވަނީ ރިސޯޓުތަކުގެ ކުއްޔެވެ. ުލިބި ހުރި ފައިސާ އާއި ގުޅޭ ގޮތުން އަރ ފައިވާ ޖޫރިމަނާ / އިންޓްރެސްޓް 16.2 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. އެހެންވެ އޮޑިޓަ ޖެނަރެލް ވަނީ މި ފައިސާ ހޯދުމަށް ލަފާދީފަ އެވެ. އަދި މި ފައިސާ ހޯދަން މީރާއިން ގިނަ މަސައްކަތްތަކެއް ކޮށް ނަމަވެސް އެ ފަރާތްތަކުން ފައިސާ ދައުލަތަށް ނުދައްކާކަން ފާހަގަކޮށްފައިވެ އެވެ. މީގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކަމާބެހޭ އިދާރާ ތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމެވެ.