ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މިދިއަ މަހުވެސް އާމްދަނީ 60 ޕަސަންޓް ދަށް

Dec 10, 2020

މިދިއަ ނޮވެމްބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަތް އާމްދަނީ 59.9 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ބުނީ، މިދިއަ މަހު 461.49 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ކަމަށެވެ.

އަދި މިދިއަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރު ލިބިފައިވާ އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ދާއިރާގެ އިގުތިސޯދީ ހަރަކާތްތައް މަދުވެ، އެ ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައި ވާތީ ކަމަށެވެ.

މިގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާއިރު، މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި، މިދިއަ މަހު އެއްވެސް ފައިސާއެއް ލިބިފައި ނުވުމަކީ އާމްދަނީ ދަށްވެފައިވާ އިތުރު ސަބަބެއް ކަމަށް ބުންޏެވެ.

މިދިއަ މަހު ވެސް ޖުމްލަ އާމްދަނީ 66.9 ޕަސަންޓާއެކު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިންނެވެ. މިގޮތުން، 308.68 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވެ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އިންކަމް ޓެކްސްގެ ގޮތުގައި 42.09 މިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، ރެސިޑެންޓް ޕާމިޓްގެ ގޮތުގައި ލިބިފައިވަނީ 19.77 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 16.49 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 11.33 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 63.13 މިލިއަން ރުފިޔާ މިދިއަ މަހު ދައުލަތަށް ވަނީ ލިބިފައި އެވެ.

ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 11.26 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.