ރައްޔިތުންގެ މަޖިލިސް

ފަސިންޖަރުން އަތުން ބޮޑު ފީ ނަގަން މަޖިލީހުން ފާސްކޮށްފި

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީ އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރެއްގެ އަތުން ޓެކްހާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އެ ބިލު މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ނިންމައި އެކުލަވާލި ރިޕޯޓަށް މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ވަނީ ބަހުސްތައް ކުރިއަށް ގެންގޮސްފަ އެވެ.

އިގްތިސޯދީ ކޮމެޓީން ނިންމި ގޮތަށް ބިލު ފާސް ކުރަން މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 43 މެމްބަރަކު ވޯޓުދެއްވި އެވެ. އަދި ނުފެންނަކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްހާއި ފީ ނެގުމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު އައީ ނަގަމުން ނެވެ.

ނަމަވެސް އެއާޕޯޓް ސާވިސް ޗާޖު ނެގުން ނިމުމަކަށް ގެނެސް އޭގެ ބަދަލުގައި ޑިޕާޗާ ޓެކުހެއް ނަގަން މިއަދު ވަނީ ފާސްކޮށްފަ އެވެ. ކުރިން އޮތީ އޭޕްރީލް 1، 2020 އިން ފެށިގެން އެ ޓެކްސް ނަގާށެވެ. ނަަމަވެސް ސަރުކާރުން ބިލު ހުށަހެޅި އިރު އެ ޓެކްސް ނަގަން ކަނޑައެޅި މުއްދަތު ފާއިތުވެފައިވުމާއެކު ފިނޭންސުން އެދުނު ގޮތަށް އަންނަ އަހަރުން ފެށިގެން އެ ޓެކްސް ނަގަން މިއަދު ވަނީ ފާސް ކޮށްފަ އެވެ. އެހެންކަމުން މިހާރު ވެސް ނަގަމުންދާ އެއާޕޯޓް ސާވިސް ޗާޖު މި އަހަރު ނިމެންދެން ނަގާނެ އެވެ.

ގާނޫނަށް އަލަށް ގެނައި އިސްލާހުގެ ދަށުން އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށް ފުރާ ދިވެހި ފަސިންޖަރުންގެ އަތުން ދެން ވެސް ނަގާނީ 12 ޑޮލަރެވެ. ނަމަވެސް އެ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ދެން ނާގާނީ 30 ޑޮލަރެވެ.

ބޭރަށް ދަތުރުކުރާ ނަމަ ނަގާނެ އިތުރު ޓެކްސްތައް

  • ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު
  • ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު
  • ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު

މި ޑިޕާޗާ ޓެކްސް ނަގަން ނިންމި ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން ދެ އަހަރު ނުވާ ކުޑަކުދިންގެ އަތުން އެ ޓެކްސް ނުނަގާނެ އެވެ.