ހަބަރު

ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް

އެއާޕޯޓަށް ބާރު ބޮޑު ދުވަސް ވަރަކަށްވާތީ، ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އަނެއްކާ ވެސް އެދިއްޖެ އެވެ.

އެއާޕޯޓް ހިންގާ، އެމްއޭސީއެލް ކުންފުނިން، ބުނި ގޮތުގައި މި ދުވަސްވަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ އަށް ބާރުބޮޑު ދުވަސް ވަރެއް ކަމަށެވެ. އެހެންކަމުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އެދޭ ކަމަށެވެ.

ވީއައިއޭ އަށް ބާރު ބޮޑުވެފައިވަނީ ޔޫރަޕަށް ފިނި މޫސުން އައުމާއެކު ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނަމުންދާތީ އެވެ. އެގޮތުން ނިއު އިޔާއާ ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ވަނީ ގިނަ ބަޔަކު ރާއްޖެ އައިސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 1.6 މިލިއަން މީހުން ވަނީ އައިސްފަ އެވެ.

ޓޫރިޒަމްގެ މައި ސީޒަނަށް ވުމުން، ވީއައިއޭގައި ފްލައިޓް މޫވްމެންޓުން ވެސް ވަނީ ބޮޑުތަން އިތުރުވެފަ އެވެ. މި މަހުގެ ތިންވަނަ ދުވަހު ވީއައިއޭގައި 239 ރަންވޭ މޫމަންޓްސް ރިކޯޑު ކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.