ހަބަރު

އާ ރަންވޭގައި ޓެސްޓް ފްލައިޓް ޖައްސާނީ ސެޕްޓެމްބަރުގައި

Jul 24, 2018
2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަންނަ ސެޕްޓެމްބަރު މަހު ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރު ވާން ފަށައިފި އެވެ. އެމްއޭސީއެލްގެ އޮފިޝަލެއް މިއަދު ވިދާޅުވީ ސެޕްޓެމްބަރު މަހުގައި ޓެސްޓް ފްލައިޓް ޖައްސަން ތައްޔަރުވި ނަމަވެސް ސީދާ ޖައްސާނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

އެމްއޭސީއެލްގެ އޮފިޝަލެއް މިއަދު ވިދާޅުވީ ސެޕްޓެމްބަރު މަހުގައި ޓެސްޓް ފްލައިޓް ޖައްސަން ތައްޔަރުވި ނަމަވެސް ސީދާ ޖައްސާނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

ރާއްޖޭގެ މައި އެއާޕޯޓްގައި ހަދާ މި ރަންވޭގެ މަސައްކަތް އަންނަ މަހު އެއްކޮށް ނިމޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ އާ ރަންވޭގައި ތާރު އަޅާ ސަރަހައްދުގައި ނުނިމި އޮތް ބައިގެ މަސައްކަތެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަޝްރޫއުގެ އެންމެ މުހިންމު އެއް ބައި ކަމަށްވާ އާ ރަންވޭގެ މަސައްކަތް ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން ނެވެ. ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ޒަމާނީ ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާފައިވެ އެވެ.

އާ ރަންވޭގެ މަސައްކަތް ކުރަން 400 މިލިއަން ޑޮލަރުގެ މި މަޝްރޫއު ޗައިނާ ބީޔޫސީޖީއަށް ސަރުކާރުން ހަވާލު ކުރުމާއެކު، ބިން ހިއްކުމުގެ މަސައްކަތް ކުރަން ވަނީ މަޝްރޫއު ގަލްފް ކޮބްލާ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ވަނީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އާ ރަންވޭ އަޅާ ސަރަހައްދުގެ 62 ހެކްޓަރު (ގާތްގަނޑަކަށް 100 ފުޅުބޯޅަ ދަނޑު) ގެ ސަރަހައްދެއް ހިއްކާ ނިންމާލާފަ އެވެ. އަދި 3،300 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ޖަހާފައިވެ އެވެ.

އާ ރަންވޭ ކުރުކޮށް

  • މަސައްކަތް ކުރަނީ ބީޔޫސީޖީއިން
  • ރަންވޭ އަޅަން 62 ހެކްޓަރު ހިއްކާފައިވޭ
  • މަޝްރޫއުގެ އަގު 400 މިލިއަން ޑޮލަރު
  • ދިގުމިނުގައި 3،400 މީޓަރު ހުރޭ
  • ފުޅާމިނުގައި 60 މީޓަރު ހުންނާނެ

އާ ރަންވޭގެ ބޭނުމަކީ ކޮބާ؟

ދުނިޔޭގައި މިހާރު ބޭނުން ކުރާ އެންމެ ބޮޑެތި ބޯޓު ފަހަރު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީ ކޮށްފައިވާ މި ރަންވޭ އަޅައިނިމޭއިރު، މިހާރު ވީއައިއޭގައި އޮންނަނީ އެންމެ ރަންވޭ އެކެވެ. މީގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ޖައްސާ ނަގާ ބޯޓު ފަހަރަށް ޖާގަ ނުލިބުމެވެ. ރަންވޭއިން ޖާގަ ނުލިބިގެން ނުޖެއްސި، ނުވަތަ ނުފުރިފައި އޮންނަން ޖެހުމެވެ. މިކަން ހައްލު ވެއްޖެނަމަ އެއާޕޯޓަށް ޖައްސާ ފްލައިޓުތަކަށް ގާތްގަނޑަކަށް 30 މިނެޓު ވަރު އަވަސް ވެގެންދާނެ އެވެ. އޭރުން މިހާރުގެ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައި ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ރަންވޭގެ އިތުރުން އެންމެ ޒަމާނީ ފެންވަރަށް ހަދާ ސީޕްލޭން ބޭސްއެއްވެސް ދަނީ ހަދަމުންނެވެ. އަދި މި އިމާރާތުގެ ހެވީ މެއިންޓަނަންސް ހެނގަރުގެ ސަރަހައްދާއި ބައެއް އިމާރާތްތައް ވަނީ ހަދާފަ އެވެ. ރަންވޭގެ އިތުރުން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ޕެސެންޖަރު ޓާމިނަލް އާއި ތެލާއި ކާގޯ ރައްކާ ކުރާނެ ވަސީލަތް ގާއިމްކުރާނެ އެވެ. މި މަސައްކަތް އެއްކޮން ނިމެން އަދި ދުވަސް ނަގާނެ އެވެ. ނަމަވެސް މި ހުރިހާ މަސައްކަތްތެއްގެ ކުރީގައި އާ ރަންވޭ އަންނަ މަހު އެއްކޮށް ނިމޭނެ އެވެ. ހަމަ ގައިމުވެސް މިކަންވާނީ އެއާޕޯޓުގެ ބައި ގަރުނުވީ ތާރީހުގައި ފާހަގަ ކުރެވޭނެ ދުވަހަކަށެވެ.