ހަބަރު

މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަން ޑިރެކްޓަރު އަމީން މަގާމުން ވަކިކޮށްފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން މަގާމުން ވަކިކޮށްފި އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އަމީން މަގާމުން ވަކިކުރަން ނިންމީ ކުންފުނީގެ ބޯޑުން އެ ގޮތަށް ލަފާ ދިނުމުން ކަމަށެވެ. ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން އޭނާ ވަކިކުރި ނަމަވެސް މޯލްޑިވިއަންގެ ވަޒީފާއިން އޭނާ ވަކި ނުކުރާ ކަމަށް މޫސަ ވިދާޅުވި އެވެ.

"މިއީ ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން ގެނައި ބަދަލެއް. އެހެން ބައެއް ކަންކަން ވެސް ބަދަލު ކުރަން ޖެހޭ ކަމަށް ބޯޑުން ލަފާ ދިން. އެ ހުރިހާ ކަމެއް ތަންފީޒު ކުރަމުން ދަނީ." މޫސަ ވިދާޅުވި އެވެ.

އަމީން މަގާމުން ދުރުކޮށްފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ ފްލައިޓް އޮޕަރޭޝަންސްގެ ދަށުން ބަލަހައްޓަމުން އަންނަ ޕައިލެޓުންގެ ކަންކަމުން އޭނާ ދުރުކޮށްފަ އެވެ. ނަމަވެސް އެހެން މަސައްކަތްތައް އެއިރު އޭނާ ކުރެއްވި އެވެ. ޕައިލެޓުންގެ ކަންކަމުން އޭނާ އެއިރު އެއްފަރާތް ކުރީ އޭނާ މަގާމުން ދުކުރުމަށް ގޮވާލައި ގިނަ ޕައިލެޓުން އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.