ގައުމީ އެއާލައިން، މޯލްޑިވިއަނުން ކުރާ އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކަށް އެއްވެސް ބުއިމެއް ނުދޭން ނިންމައިފި އެވެ.
މޯލްޑިވިއަން އިން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް ނިންމީ ކޮވިޑާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އަޅަން އަންގާ ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކުރި ސާކިއުލާއަކާ ގުޅިގެން ކަމަށެވެ.
މޯލްޑިވިއަނުން ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް ކުރާ ޑޮމެސްޓިކް ދަތުރުތައް ފިޔަވާ އެތެރޭގެ އެހެން މަންޒިލްތަކަށް ކުރާ ދަތުރުތަކަކީ އެއްގަޑިއިރަށް ވުރެ ކުރު ދަތުރުތަކެކެވެ.
މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކުގައި މައިގަނޑު ގޮތެއްގައި ދެނީ ޖޫސްތައްޓެކެވެ. މޯލްޑިވިއަން އިން އިތުރަށް ބުނީ އަލަށް އެޅި ފިޔަވަޅަށް ވީހާވެސް އަވަހަށް ނިމުން ގެނެވި ކުރިން ވެސް ދެމުންގެންދިޔަ ގޮތަށް ހިދުމަތް ދިނުމަށް އުއްމީދު ކުރާ ކަމަށެވެ.
ސިވިލް އޭވިއޭޝަންގެ ސާކިއުލާގައި ވަނީ އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުންގެ ހަށިގަނޑުގައި ކޮވިޑްގެ އަލާމާތެއް ހުރިތޯ ބެލުމަށާއި މާސްކް އެޅުމަށް އަންގާފަ އެވެ.
ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑްގެ އާ ވޭރިއެންޓް -- އޮމިކްރޮން މިހާރު ވަނީ ރާއްޖޭން ވެސް ފެނިފަ އެވެ. އޮމިކްރޮން އިން ރައްކާތެރިވުމަށް ގައުމުތަކުން ފިޔަވަޅުތައް އަޅަމުންދާއިރު ރާއްޖޭން ވެސް ވަނީ އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އައުން މަނާކުރުމާއި ކަރަންޓީނު އުސޫލަށް ބަދަލު ގެނެސްފަ އެވެ.