ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަން ބާއްވާ ރެސްކިއު ފްލައިޓްތަކުގެ ޓިކެޓުގެ އަގު ހެޔޮކޮށްފި އެވެ.
މޯލްޑިވިއަންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މޯލްޑިވިއަން އިން ބާއްވާ ފްލައިޓުތަކުގެ އަގާ ގުޅިގެން ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.
އަދި ވިދާޅުވީ އަގުތައް ހެޔޮ ކުރުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެކު މަޝްވަރާކުރުމަށްފަހު މިހާރު އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ރެސްކިއު ފްލައިޓުތަކުގެ މިހާރުގެ އަގުތައް
ކޮލޮމްބޯ - 220 ޑޮލަރު
ކޮޗިން - 149 ޑޮލަރު
ޓްރިވެންޑްރަމް - 199 ޑޮލަރު
މެލޭޝިއާ - 330 ޑޮލަރު
މޯލްޑިވިއަންއިން މީގެ ކުރިން ރެސްކިއު ފްލައިޓުތައް ބާއްވާފައި ވަނީ ލަންކާއިން ވަނީ 300 ޑޮލަރަށާއި އިންޑިއާގެ ކޮޗިންއިން 260 ޑޮލަރަށެވެ. އަދި މެލޭޝިއާއިން ކޮށްފައިވާ ދަތުރު ތަކުގެ އަގަކަށް ފަހުން ވެސް ބަދަލެއް ގެނެސްފަ އެއް ނުވެ އެވެ. އެއީ 330 ޑޮލަރެވެ.
މޯލްޑިވިއަންއިން މިވަގުތު ރާއްޖެ ގެނެސްފައި ވަނީ ސްރީ ލަންކާގައި ތިބި މީހުންގެ ތެރެއިން 100 ދިވެހިންނާއި އިންޑިއާއިން 200 ދިވެހިން އަދި މާދަމާ މެލޭޝިއާ އިން އަންނަ 200 ދިވެހިންނެވެ. މީގެ އިތުރުން، މި ހޮނިހިރު ދުވަހު ޓްރިވެންޑްރަމް އިންވެސް ދިވެހިން ގެންނާނެ ކަމަށް މިރޭ ވަނީ ބުނެފަ އެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ފުވައްމުލަކަށާއި ގަމަށް ކުރަމުންދާ ދަތުރުތައް އިތުރު ކުރުމަށް ވެސް މޯލްޑިވިއަން އިން ނިންމާފައިވާ ކަމަށް މިއަދު ބުންޏެވެ.