ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

ދަތުރުތައް ކުރަނީ ފައިދާގައެއް ނޫން: މޯލްޑިވިއަން

ރާއްޖެ ނާދެވި ގައުމުތަކުގައި ތާށިވެފައިވާ ދިވެހިން ގެނައުމަށް ގައުމީ އެއާލައިން "މޯލްޑިވިއަން" އިން މިހާރު ކުރަމުންދާ ދަތުރުތަކަކީ ވިޔަފާރި އުސޫލުން ކުރަމުންދާ ދަތުރުތަކެއް ނޫން ކަމަށް އެ އެއާލައިން އިން ބުނެފި އެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މޯލްޑިވިންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ދިވެހިން ގެންނަން މޯލްޑިވިއަންއިން ކުރަމުންދާ ދަތުރުތަކަކީ ހަމަ އަގުގައި ކުރަމުންދާ ދަތުުރުތަކެއް ކަމަށެވެ.

އެ ދަތުރުތަކުގެ އަގު ބޮޑު ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް މިހާރު ކުރަމުންދާ ދަތުރު ތަކަކީ ވިޔަފާރިއަށް ބަލައިގެން ކުރަމުންދާ ދަތުރުތަކެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެ ދަތުުރުތަކަކީ އެއްކޮޅަށް ކުރެވޭ ދަތުރު ތަކަކަށްވުމާއި، އަދި އެ ނޫންވެސް ދަތުރުތަކަށް ކުރަންޖެހޭ ހުރިހާ ހަރަދަކަށް ބަލާލުމުން އެއީ ފައިދާގައި ކުރާ ދަތުރުތަކެއް ނޫންކަން އެނގޭނެ ކަމަށެވެ.

"...އަޅުގަނޑުމެން ކުރަމުން މިދާ ދަތުރުތަކަށް ބަލާލާއިރު އަޅުގަނޑުމެން މި ކުރަނީ އެ ދަތުރުތައް އެޑްކޯސްޓްގައޭ ދަންނަވާނަން. އަޅުގަނޑުމެން ފައިދާއަކާ ނުލައި ކުރާ ދަތުރުތަކެއް ދަތުރުތަކަކީ ހަގީގަތުގައި."

މޯލްޑިވިއަންއިން މިވަގުތު ރާއްޖެ ގެނެސްފައިވަނީ ލަންކާގައި ތިބި 100 ދިވެހިންނެވެ. އެމީހުން ރާއްޖެ ގެނެސްފައިވަނީ 300 ޑޮލަރަށް ޓިކެޓް ވިއްކައިގެންނެވެ. މީގެ އިތުރުން މިރޭގެ ވަގުތެއްގައި އިންޑިއާއިން 200 ދިވެހިން ރާއްޖެ ގެންނާނެ އެވެ. އެ މީހުން ރާއްޖެ ގެންނަނީ 265 ޑޮލަރަށް ޓިކެޓް ވިއްކައިގެންނެވެ.

މީގެ އިތުރުން މިމަހުގެ އައްވަނަ ދުވަހު މެލޭޝިޔާއިން ދިވެހިން ގެންނާނެ އެވެ. އެ ދުވަހު 200 މީހުން ގެނައުމަށް ހަމަޖެހިފައިވާއިރު ޓިކެޓް ވިއްކާނީ 330 ޑޮލަރަށެވެ.

މި އަގުތަކަށް ބަލާއިރު މިއީ މިހާރު އޮތް ހާލަތު އައުމުގެ ކުރިން ދެކޮޅު ޓިކެޓް ލިބުނު އަގަށްވުރެ ބޮޑު އަގެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މީގެ އިތުރުން މޫސަ ވަނީ މޯލްޑިވިއަންގެ ފްލައިޓުން ޖާގަދޭ ގޮތާމެދުވެސް އާންމުން އުފައްދާ ސުވާލުތަކަށް ޖަވާބު ދީފައެވެ. މޫސަ ވިދާޅުވީ އެއްވެސް ގައުމެއްގައި ތިބި ވަކި ބަޔަކު ގެނައުމަށް އެ ކުންފުނިން މަސައްކަތް ނުކުރާނެ ކަމަށެވެ.

"....ބައެއް މީހުން ބުނަމުންދިޔަ މޯލްޑިވިއަންއިން ރައްޓެހި ހުރިހާ އެންމެންނަށް ބަހާ ހުސްކުރީއޭ. ތިމާގެ އެންމެންނަށް ބަހާ ހުސްކުރީއޭ. އަޅުގަނޑުމެން މިއަދު އަޅުގަނޑުމެން ބޭނުން ޓްރާސްޕޭރަންޓްކޮށް އެކަން ކުރާކަން ޔަގީންކޮށްދޭން. އޮންލައިންކޮށް ހުރިހާ ބޭފުޅުންނަށް އެ އޮތީ މެލޭޝިއާއަށް ފުުރުސަތު ހުޅުވާލާފައި." މޫސަ ވިދާޅުވިއެވެ.