ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

ކޮންމެހެން ބޭނުންވާ ބޭސް ގެނެސްދެނީ

ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ކްރިޓިކަލް މެޑިސިންގެ ބައެއް ބާވަތްތައް ގެނެސްދިނުމުގައި ފޮރިން މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެ މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ސަބަބުން މި ސަރަހައްދުގެ ގިނަ ގައުމުތަކެއް ލޮކްޑައުންގައި އޮތުމުން ކޮންމެހެން ހޯދަން ޖެހޭ "ކްރިޓިކަލް މެޑިސިން" ހޯދަން ބޭނުންވާ ފަރާތްތަކުން، އެބޭސްތައް އިންޑިއާ، ތައިލެންޑް އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކަށް ގެންގޮސްދިނުމުން، އެބޭސްތައް ރައްދުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ކަމާ ބެހޭ އެހެން އިދާރާތަކުން ގުޅިގެން ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް 78 މީހަކަށް ކޮންމެހެން ބޭނުންވާ ބޭސް ރާއްޖެއިން ބޭރުން ގެނެސްދީފައިވާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ހާލަތުގައި ރާއްޖެއިން ބޭރުން ގެންނަން ހަވާލުކުރާ ބޭހަކީ ރާއްޖެއިން ލިބެން ނެތް އަދި ޒަރޫރީ ބޭނުމަކަށް ބޭނުންވާ ބޭހަކަށް ވާން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބޭސް ސިޓީއާ ނުލައި އެއްވެސް ބޭހެއް ގެނެސްދޭ ގޮތަށް ހަމަޖެހިފައެއް ނުވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ބޭސް ގެންނަން ބޭނުންވާ މީހުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސް ހަވާލުކުރާއިއިރު، ޕެކިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކަކަށް ފޮނުވާ ބޭސް، އެހެން މީހެއްގެ ބޭސްތަކާ އެއްކޮށްފައި ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް އެދިފައިވެއެވެ.

ކުރިއަށް އޮތްތަނުގައިވެސް، އެކި ގަައުމުތަކުގައި ގާއިމްކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ބޭސް ސިޓީތަކާއެކު ގެންގޮސްދިނުމުން، ރާއްޖެ ގެނެސް، ވެރިފަރާތާ ހަވާލުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިމަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާއި މޯލްޑިވިއަން އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެންނެވެ.