ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

ލަންކާގައި ތިބި ދިވެހި އާއިލާތަކަށް ނުވަ ޓަނުގެ ތަކެތި

ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމަށް ސަރުކާރުން ފަހިކޮށްދިން ފުރުސަތުގައި މިފަހަރު 8.9 ޓަނުގެ ކެއާ ޕެކޭޖް ލަންކާއަށް ގެންދިއުމަށް ލިބިފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނެފި އެވެ.

ކޮވިޑް19 އާ ގުޅިގެން ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓިފައިވާތީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ސަރުކާރުން ވަނީ މަގުފަހިކޮށްދީފައެވެ.

އެގޮތުން ކޮންމެ ހަފްތާއަކު މޯލްޑިވިއަންގެ ފަރާތުން ލަންކާއަށް ކުރާ ކާގޯ ދަތުރުގައި ދިވެހިންނަށް ފޮނުވާ ތަކެތި ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ދަތުރުގައި ތަކެތި ގެންގޮސްދިނުމަށް އެދި ހުށައެޅި މީހުންގެ ތެރެއިން ފުރުސަތު ލިބުނު މީހުން ވަނީ އިއްޔެ ތަކެތި ހަވާލުކޮށްފައެވެ. އެ ތަކެތި މިހާރު ހުރީ ލަންކާއަށް ގެންދިއުމަށް މޯލްޑިވިއަންގެ ފްލައިޓަށް އަރުވާފައެވެ.

މޯލްޑިވިއަން އިން ބުނީ މިފަހަރު 8.9 ޓަނުގެ ކެއާ ޕެކޭޖް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ގެންދެވޭނެ ކަމަށެވެ.

ލަންކާގައި ތިބި އާއިލާގެ މީހުންނަށް ތަކެތި ފޮނުވަން އިއްޔެ ވަރަށް ގިނަ އިރުތަކެއް ވަންދެން އެތައް ބަޔަކު ކިއުގައި ތިއްބެވެ.

ކޮންމެ އާދީއްތަ ދުވަހަކު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް މުދާ ބަލައި، ލަންކާއަށްދާއިރު އެ ފުރުސަތު ކޮންމެ ހަފްތާއަކުވެސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން ކޮންމެ އާއިލާއަކަށް 15 ކިލޯގެ ތަކެތި ފޮނުވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮންމެ ފަހަރަކުވެސް ގެންދެވޭނީ ވަކި މިންވަރަކަށް ކަމަށްވާތީ އިސްކަން ދޭނީ ފޯމް ހުށައަޅާ ތަރުތީބަށް ކަމަށެވެ. އަދި ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފޯމް ހުށައަޅަން ޖެހޭނެ ކަމަށާ އެ ތަކެތި ހަވާލުކުރާ ހައި ކޮމިޝަން މެދުވެރިކޮށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތި

  • ފައިސާ
  • ރޯމަސް
  • ކޭކު
  • ހެދިކާ
  • މޭވާ
  • ތަރުކާރީ

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށް، ކާފިއު އިއުލާނު ކޮށްފައިވާ އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާއިރު ލަންކާއަކީ ދިވެހިންގެ އެންމެ ބޮޑު އާބާދީއެއް އޮތް ގައުމެވެ.

އެ ގައުމުގައި 15000 ވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ. އަދި އެކި ބޭނުންތަކުގައި އަބަދުވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދަތުރުކޮށް އުޅެއެވެ.