މޯލްޑިވިއަން

ދިވެހިން ގެންނަ ދަތުރުތަކުގެ އަގު ބޮޑުވުމުން ޝަކުވާ

Apr 5, 2020
18

ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ކުރާ ދަތުރުތަކުގެ އަގު ބޮޑުވުމުން ބައެއް އާންމުން ޝަކުވާ ކުރަން ފަށައިިފި އެވެ.

ގައުމީ އެއާލައިންއިން ވަނީ ލަންކާ އަދި އިންޑިއާގައި ތިބި ދިވެހިން ގެނައުމަށް އެ ގައުމުތަކަށް ދަތުރުތަކެއް ކުރުމަށް ހަމަޖައްސާފައެވެ. އެގޮތުން ލަންކާއަށް ދެ ފްލައިޓް އަދި އިންޑިއާގެ ކޮޗިންއަށް ދަތުރެއް ކުރުމަށް ވަނީ ހަަމަޖެހިފައެވެ.

މީގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމް އަދި މެލޭޝިއާއަށްވެސް ދަތުރުތަކެއް ދަނީ ރާވަމުންނެވެ.

ލަންކާއަށް މިއަދު ދެ ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު ލަންކާގައި ތިބި ދިވެހިންނަށް ޓިކެޓް ވިއްކާފައިވަނީ 4،626 ރުފިޔާއަށެވެ. މިއީ މީގެ ކުރިން ލަންކާގެ ދެކޮޅު ޓިކެޓް ލިބޭ އަގަށްވުރެ 500 ރުފިޔާގެ ބޮޑުވުމެވެ. ލަންކާއަށް ދަނީ 50 މީހުންގެ ޖާގައިގެ ދެ ބޯޓެވެ.

ކޮޗިން ދަތުރު މާދަމާއަށް ތާވަލްކޮށް މިހާރު ވަނީ ޓިކެޓް ވިއްކާފައެވެ. އެގޮތުން ކޮޗިންގެ ޓިކެޓް ވިއްކާފައިވަނީ 4،086 ރުފިޔާއަށެވެ. މިއީ ކުރިން ކޮޗިންއަށް ދެކޮޅު ޓިކެޓް ލިބޭ އަގަށްވުރެ 1،200 ރުފިޔާގެ ބޮޑުވުމެވެ.

އަވަސްއާ ވާހަކަ ދެއްކި ބައެއް މީހުންވަނީ މި އަގުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއަށްވުރެ ހެޔޮ އަގެއްގައި ރާއްޖެ އާދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

"..އަޅުގަނޑުމިއީ އިންޑިއާގައި ހުރި މީހެއް. އަންނަން ވެގެން ދެކޮޅަށް ޓިކެޓް ނަގައިގެން އައިސް ނުދެވި މި ހުރީ، އެންމެ ފަހުން ދެކޮޅު ޓިކެޓް ނެގި އަގަށް ވުރެ އިތުރަށް 1300 ރުފިޔާ ދައްކައިގެން މި މާލެ ދެވެނީ. މިއީ ރަނގަޅު ގޮތެއް ނޫން. އަނެއްކާ ރާއްޖެ ގޮސް 14 ދުވަހުގެ ކަރަންޓީއަށް. އެހެންވީމަ މިވަރުގެ އުނދަގޫ ހާލަތެއްގައި މިއަށްވުރެ ފަސޭހަ ގޮތްތަކެއް އޮންނަންވާނެ." އިންޑިއާއަށް ބޭހަށްގޮސް ހުރި މީހަކު ކިޔާދިނެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ ބަހެއް ލިބޭގޮތެއް ނުވިއެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުންވެސް ފޯނަށް ޖަވާބު ނުދޭތީ މިކަމުގައި ސަރުކާރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މޯލްޑިވިއަންގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސާފައިމިވަނީ ކޮވިޑް19 ގެ ސަބަބުން އިންޑިއާ އަދި ލަންކާއިންވެސް ބޭރުގެ ހުރިހާ ދަތުރުތަކެއް ހުއްޓާލާ އެއާޕޯޓް ބަންދުކޮށްފައިވަނިކޮށެވެ. އެކަމާ ގުޅިގެން އެ ދެ ގައުމުގައި ރާއްޖެ ނާދެވި ވަރަށް ގިނަ ދިވެހިން އެބަ ތިއްބެވެ.

މި ދަތުރުތައް ހަމަޖެހުނީ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކޮށްގެން އެ ދެ ގައުމުގެ އެއާ ސްޕޭސް ހުޅުވާލަން އެއްބަސްވުންނެވެ.