ކޮވިޑް-19 އާ ގުޅިގެން ޒަރޫރީ ބައެއް ތަކެތި ހޯދުމަށް ދަތިވެފައިވާ ސްރީލަންކާ އަދި އިންޑިއާގައި ތިބި ދިވެހި އާއިލާތަކަށް ފޮނުވި ކެއާޕެކޭޖްތަކުގެ ބޮޑު ބައި އާއިލާތަކާ ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ މިއަދުގެ ނިޔަލަށް ލަންކާއަށް ފޮނުވި 622 ޕެކޭޖްގެ ތެރެއިން 560 އަށްވުރެ ގިނަ ޕެކޭޖް އާއިލާތަކަށް ހަވާލުކޮށްފައިވާ ކަމަށެވެ. ބާކީ ހުރީ ލަންކާއަށް ޕެކޭޖްތައް ފޮނުވި ފަހުން، އެ ޕެކޭޖާއި ހަވާލުވާން ޖެހޭ އާއިލާ މާލެއަށް އައިސްފައިވާ ޕެކޭޖްތަކާއި، ހައިކޮމިޝަނުން ގުޅަން މަސައްކަތްކޮށްގެން ނުގުޅުނު އާއިލާތަކާ ހަވާލުކުރަން ޖެހޭ ބައެއް ޕެކޭޖްތަކެވެ.
ސްރީލަންކާގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ އެގައުމުގެ އެކި ސަރަހައްދުތަކުގައި ފުލުހުން ޗެކް ޕޮއިންޓްތައް ގާއިމްކޮށްފައިވެއެވެ. އަދި ޕެކޭޖްތައް ގެންދާ ވެހިކަލްތައް މިއިން ކޮންމެ ޗެކް ޕޮއިންޓެއް ކައިރިއަށް މަޑުކޮށް، މުޅި ވެހިކަލް ޗެކް ކުރަން ޖެހެއެވެ. އެހެންކަމުން ލޮކްޑައުންގެ ހާލަތުގައި އޮތް ސިޓީއެއްގައި މި ހިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.
އިންޑިއާގެ ޓްރިވެންޑްރަމް އަށް ފޮނުވި 79 ޕެޖޭކްގެ ތެރެއިން މިއަދާއި ހަމަޔަށް ޑެލިވާ ނުކުރެވި ހުރީ ދެ ޕެކޭޖެވެ. ޓްރިވެންޑްރަމްއަށް ދިޔަ ފްލައިޓްގައި އެސިޓީއަށް ފޮނުވި 79 ޕެކޭޖްގެ އިތުރުން ކޮޗިންގައި ތިބި އާއިލާތަކަށް 65 ޕެކޭޖް ފޮނުވާފައިވެއެވެ. ކޮޗިންއަށް ފޮނުވި ޕެކޭޖްތައް ޓްރިވެންޑްރަމްއިން ކޮޗިންއަށް ގެންދިޔުމަށް ބޭނުންވާ ހުއްދަތައް ހޯދައިގެން، ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްއިން ވަނީ މިހާރު އެތަކެތި ކޮޗިންއަށް ގެންގޮސްފައެވެ. އިންޑިއާގެ ކެރެލާ ސްޓޭޓްވެސް އޮތީ ލޮކްޑައުންގައި ކަމުން ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ގެންދިޔަ ޕެކޭޖްތައްވެސް ގޭގެއަށް ގެންގޮސްފައިވަނީ އެކަމަށް ބޭނުންވާ ހާއްސަ ހުއްދައެއް ނަގައިގެންނެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދިރުއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި 452 ކެއާޕެކޭޖްތަކުގެ ތެރެއިން 250 ޕެކޭޖް މިހާރު ވަނީ އާއިލާތަކާ ހަވާލުކޮށްފައެވެ. ބާކީ ހުރި 202 ޕެކޭޖް ހަވާލުކުރުމުގެ މަސައްކަތް ހައިކޮމިޝަނުން ދަނީ ކުރަމުންނެވެ. މެލޭޝިއާގައި އިއުލާންކޮށްފައިވާ އެންހޭންސްޑް މޫވްމަންޓް ކޮންޓްރޯލް އޯޑާގެ ދަށުން ތަކެތި ޑެލިވާކުރެވެނީ ހެނދުނު 8:00 އާ ރޭގަނޑު 8:00 ދެމެދު އެކަންޏެވެ.