ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭގައި ވަޅުލައިދޭން އެދުނުކަމެއް ލަންކާ ކެބިނެޓަކަށް ނޭނގެ

Dec 15, 2020
1

އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލައިދޭން ރަސްމީކޮށް އެދުނު ކަމެއް އެ ގައުމުގެ ކެބިނެޓަށް އެނގިފައިނުވާ ކަމަށް ބުނެފި އެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެ ގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާތީ، އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައި އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އަދި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ އިތުރުން އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި ލަންކާ ސަރުކާރުގެ އެދުމާ އެއްގޮތަށް އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށް އެ މިނިސްޓްރީން އިތުރަށް ބުންޏެވެ.

ނަމަވެސް، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކެބިނެޓާ ހިއްސާ ކޮށްފައި ނުވާކަމަށް ކެބިނެޓުގެ ތަރުޖަމާނު މިނިސްޓަރު ކެހެލިޔަ ރަމްބުކްވެލަ މިއަދު އެ ގައުމުގެ މީޑިއާތަކަށް ވިދާޅުވި އެވެ.

ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅިގެން އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރަމްބުކްވެލަ ވިދާޅުވީ، އެ މައްސަލަ ކެބިނެޓުގައި އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

އަދި އެކަމުގެ މައުލޫމާތު ސާފުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ހިއްސާ ކުރައްވާނެ ކަމަށް ރަމްބުކްވެލަ މިއަދު ވިދާޅުވި އެވެ.

އެ މައްސަލާގައި ދިވެހި ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުންތައް އުފެދިފައިވާއިރު، ލަންކާގެ އިތުރުން ރާއްޖޭގެ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ލަންކާ ސަރުކާރަށް ފާޑުކިއަމުންނެވެ.

ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައި ވީނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެކަމުގެ ބިރު ފަތުރާފައިވަނީ، ރައީސް ގޮތާބޭ ރާޖަޕަކްސައަށް ތާއީދުކުރާ ހަރުކަށި ފިކުރު ބުޑިސްޓު މޮންކުންކަމުގެ ތުހުމަތު ވަނީ އަމާޒުވެފައި އެވެ.