ކޮވިޑް-19 ގެ ބަލީގައި ސްރީލަންކާއިން މަރުވާ މީހުން އަންދާލަން ނިންމާ އެކަން އިއުލާނު ކުރި ހިސާބުން ވެސް ސްރީލަންކާގެ މުސްލިމުން އެކަމާއި ދެކޮޅު ހަދައި ކަންބޮޑުވުން ފާޅުކުރި އެވެ. މުސްލިމުން ތަމްސީލުކުރާ ޖަމިއްޔާ ޖަމާއަތްތަކުން އެކަން އެގޮތަށް ނުކުރަން ސަރުކާރަށް ގެންދިޔަައީ އިލްތިމާސް ކުރަމުންނެވެ. އަދި އެކަމާއި ދެކޮޅަށް އެކި ގޮތްގޮތުން ދިޔައީ އަޑުއުފުލަމުންނެވެ. ނަމަވެސް އެ އަޑުތަކަށް އިޖާބަ ދިނުމެއް ނެތި ކޮވިޑްގައި މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ވެސް ސްރީލަންކާއިން ގެންދިޔައީ އަންދަމުންނެވެ.
އެކާވީސް މިލިއަންގެ އާބާދީއެއް އޮތް ލަންކާގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ. އެ ގައުމުގައި ނަގާ ކިޔަނީ ބުދުދީނުގެ މީހުންނެވެ. ކޮވިޑްގައި މަަރުވާ މީހުން އެންދުމަކީ ވެސް އެ މީހުންގެ އަސްލެއް ނެތް އަގީދާގެ ތެރެއިން އުފެއްދި ކަމެކެވެ. ލަންކާއަކީ ފެންތިލަ ގައުމަކަށްވާތީ ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެ ކަމަށް ބުނެ އެ ވާހަކަތައް ފެތުރީ ހަރުކަށި ބުދުދީނުގެ ފާދިރީންނެވެ. އެމީހުންގެ އެ ފަލްސާ ރައީސް ގޮތާބޭއާ ހަމައަށް ގެންގޮސް އެކަން އެ މަގުން ހިނގާނެ ގޮތެއް ހަމަޖެއްސީ އެވެ.
ކުއްލިއަކަށް މި މައްސަލާގައި އިއްޔެ މިއައީ މުޅީން އެހެން ވާހަކައެކެވެ. ކޮވިޑް ޖެހިގެން ލަންކާއިން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖައްސައިދޭން ލަންކާގެ ރައީސް ދިވެހި ސަރުކާރުގައި އެދިވަޑައިގެންނެވީ އެވެ. އެކަމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވީ އެވެ. އެ ސިޓީފުޅާއި ގުޅިގެން ރައީސްގެ އިސްނެންގެވުމަށް ލަހެއް ފަހެއް ނެތި ސަރުކާރުގެ އިދާރާތަކުގައި ފުޅާ މަޝްވަރާތަކެއް ވެސް ފަށައިގަތީ އެވެ.
ލަންކާގެ ރައީސްގެ ސިޓީފުޅާއި އެދިވަޑައިގަތުމުގެ ވާހަކަ ރާއްޖޭގެ ސަރުކާރުން ހާމަ ކުރުމުގެ ކުރިން ލަންކާގެ ނޭޓިވް ނުވަތަ އަމިއަލަ މާދަރީ ބަހުން ޗާޕް ކޮށްގެން ނެރޭ ޕްރިންޓް ނޫސްތަކުގައި އެ ވާހަކަތައް އިއްޔެ ލިޔެފައި ވެއެވެ. ދިވެހި ސަރުކާރުން ރަސްމީކޮށް އެކަން ހާމަކުރީ އޭގެ މާ ފަހުންނެވެ. ދިވެހި ނޫސްތަކުގެ ފަލަ ސުރުހީއަށް އެ ވާހަކަތައް އައިސް ރަށުތެރޭގައި އެ ބަހުސް ބޮޑުވުމުން ގޮސް ލަންކާގެ އޮންލައިން ނޫސްތަކަށް ވެސް ހަބަރުވީ ފަހުންނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވެ އެވެ. ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދަން އެގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައި ވެއެވެ.
އަދި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ އިތުރުން އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި، ލަންކާ ސަރުކާރުގެ އެދުމާ އެއްގޮތަށް އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން ރައީސް ސޯލިހު ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ. ސަރުކާރަކުން ހާރިިޖިއްޔާއަކުން މިދައްކަނީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟
އިލްމުވެރިން ދެކޮޅު ހެއްދެވުން
މިކަމާއި ސަރުކާރުން މަޝްވަރާ ފަށައިފި އެވެ؛ އަނެއްކޮޅުން ރާއްޖޭގެ ދީނީ އިލްމުވެރިން މި މައްސަލާގައި ދަނީ ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ދީނީ އިލްމުވެރިންގެ ވިސްނުން ދިވެހިން ހޯދާން ބޭނުންވާނެ ވެސް މައްސަލަ އެކެވެ.
މި މައްސަލާގައި އެންމެ ފުރަތަމަ އެކަމާއި ދެކޮޅު ހައްދަވާ ވާހަކަފުޅު ދެއްކެވީ ރާއްޖެ މި ފަހުން ދުށް އެންމެ ބޮޑު އިލްމުވެރިޔާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އަނެއްކޮޅުން އެމަނިކުފާނަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް އިސް ލީޑަރެކެވެ. ރައީސް މައުމޫންގެ ވިސްނުންފުޅު އެމަނިކުފާނު ވަނީ އާންމު ކުރައްވާފަ އެވެ. އޭގެ ކުރިން ރައީސް ސޯލިހަށް، ރައީސް މައުމޫން އެކަން ވަކިން އެ ވާހަކަތައް ހިއްސާ ކުރެއްވި އެވެ.
ކޮވިޑް ޖެހިގެން އެހެންް ގައުމުތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ވަޅުލުމަކީ އެކަމުގެ ސަބަބުން އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް މައުމޫން ދެކެވަޑައިގަންނަވަ އެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ރާއްޖެފަދަ ކުޑަ ގައުމަކަށް ކިތަންމެ ކިތަންމެ މައްސަލަތަކެއް ދިމާވާނެ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ބޮޑު ބައްޔެއް ޖެހިގެން މަރުވާ ބައެއްގެ ހަށިތައް އުފުލާނެ ގޮތެއް އަދި ގެނެސް ވަޅުލުމުގައި އުޅޭނެ ބައެއް އަދި އެ މީހުން ވަޅުލާނެ ތަނެއް ހަމަޖެއްސުމާއި އެ ނޫން ކިތަންމެ ކަމަކީ ކުރަންޖެހޭނެ ބޮޑެތި ބޮޑެތި މަސައްކަތްތަކެވެ. އެފަދަ މަސައްކަތެއް ރާއްޖެފަދަ ވަސީލަތް މަދު ގައުމަށް ކުރެވިދާނެތޯ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުމެން ހުރިހާ މުސްލިމުންނަށް ހެޔޮ އެދެން. އަދި ހުރިހާ އިންސާނުންނަށް ވެސް ހެޔޮ އެދެން. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި މިއީ ކުރަން ރަނގަޅު ކަމެއް ނޫން،"
މައުމޫން ވިދާޅުވި ގޮތުގައި ދީނީ ގޮތުންވެސް މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަޒަރުގައި ވެސް މިއީ ކުރަންޖެހޭ ކަމެއް ނޫނެވެ. ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ ރައްޔިތުން ވަޅުލުމުގެ ފުރުސަތު އެ ގައުމުން ދޭން ޖެހެ އެވެ. އެއީ ލަންކާގެ ކޮންމެ މުސްލިމަކަށް ވެސް އޮތް އިންސާނީ އަދި ދީނީ ހައްގެއް ވެސް މެއެވެ. ސަރުކާރަކަށް އެ ހައްގު އަތުލައި ގަނެވޭނީ ކިހިނެއް ހެއްޔެވެ؟ އަދި ލަންކާގައި މަރުވާ މުސްލިމަކު ވަޅުލަން އެހެން ތަނަކަށް ގެންދިއުމުގައި ސަރުކާރަށް ނިންމުންތަކެއް ނިންމޭނެ ހެއްޔެވެ؟ އަދި އެފަދަ ނިންމުމަކަށް ދިވެހި ސަރުކާރަށް ތާއީދުކޮށް މަދަދުވެރި ވެވޭނެ ހެއްޔެވެ. މިއީ ޝަހީމް އުފެއްދި ސުވާލުތަކެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ދިވެހިން ތިބޭނީ ކޮންމެ ގައުމެއްގައި ތިއްބަސް ހުރިހާ މުސްލިމުންގެ ދިފާއުގަ އެވެ. އެހެން ކަމުން ދިވެހި ސަރުކާރުން ވެސް ދިވެހިންވެސް ކުރަންވީ ކަމަކީ ލަންކާގެ މުސްލިމުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އަޑު އުފުލަންވީ އެވެ. ކުރާކަށް އެނޫން ކަމެއް ނެތެވެ.
ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީއަަތުގައިވާ ގޮތުގެ މަތިން ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަން ޖެހޭނެ. އެއީ އިންސާނީ އަދި ދީނީ ހައްގެއް. ލަންކާ ސަރުކާރުން އެ ފުރުސަތު މުސްލިމުންނަށް ނުދީ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެމީހުންގެ އަމިއްލަ ގައުމުން ބޭރުކުރުމުގެ ތެރެއަށް އެހެން ގައުމަކުން ތަދައްހުލުވުމަކީ ހައްލެއް ނޫން. ހައްލަކީ އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތު ކުރުންޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ކުރީގެ އިސްލާމިކް މިނިސްޓަރު
ކޮވިޑުގައި މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލާންޖެހޭ ޝަރުއީ މަސްލަހަތެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ އަދި ރާއްޖޭގައި ދީނީ ވަހުދަތު ފެތުރުމުގެ އެންމެ ބޮޑު މަސަައްކަތެއް ކުރަމުންދާ ސަލަފް ޖަމިއްޔާގެ ރައީސް ޝައިހް އަބްދުﷲ ބިން އިބްރާހިމް ވެސް ވިދާޅުވެ އެވެ. އަބްދުﷲ ވަނީ އެ މަސްލަހަތު ނެތް ގިނަ ސަބަބުތަކެއް ދައްކަވާފަ އެވެ.
އެއް ކަމަކީ ދީނުގައި ވަނީ މައްޔިތާ ވަޅުލުން އަވަސް ކުރަން ކަމަށް ވުމެވެ. މިހާރު އައިސް މިއުޅޭ މައްސަލައިގެ ތެރެއިން އެކަން މިހާރު ގެންދާން އުޅޭ ގޮތަށް ކޮށްފިނަމަ ދީނުގެ އެ އުސޫލާ ފުށު އަރާނެ އެވެ. އަދި ޝަރުއީ އުޒުރެއް ނެތި މަރުވާ މީހުން އެ ރަށަކުން އެހެން ތަނަކަށް ބަދަލު ކުރުމަކީ އެދެވޭ ކަމަކަށް ނުވުމާއި ސްރީލަންކާގެ ބިމުގައި ތަނަވަސްކަން އޮވެމެ، ރާއްޖެ ފަދަ އާބާދީގެ ނިސްބަތުން ބިން ދަތި އަދި ރައްޔިތުންގެ ޖަނާޒާއަށް ވެސް ބިމުގެ ދަތިކަން މިހާރު ވެސް އޮތް ގައުމަށް ގެންނަން ޖެހޭ ސަބަބެއް ނެތެވެ.
ދިވެހި ސަރުކާރުގައި މިކަމަށް ސްރީލަންކާގެ ސަރުކާރުން އެދުނުއިރު ލަންކާގެ އިލްމުވެރިންގެ ބަހެއްވެސް އެކަމުގައި ނެތެވެ. އަދި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ލަންކާ މުސްލިމުން އިންކާރު ކޮށްފައެއް ނެތެވެ. އެހެންވީމަ އެކަން ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އަބްދުﷲ ދެކެ ވަޑައިގަންނަވަ އެވެ.
އެކަމަކު ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލުމަކީ މުހިން ކަމެއް ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެބަ ވިދާޅުވެ އެވެ. އޭނާ ވިދާޅުވާ ގޮތުން އެކަން ކުރުމަކީ މުހިންމު ކަމެކެވެ. އަދި މި ސަރުކާރުގެ ދިފާއުގައި އަބަދުހެން ވާހަކަދައްކަވާ އިލްމުވެރިން ތަކެއް ވެސް ވަނީ އެކަން ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ ވާހަކަފުޅު ދައްކަވަ އެވެ.
އިސްލާމިކް މިނިސްޓަރު ޒާހިރު ވިދާޅުވި ގޮތުގައި ސްރީލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުން "މި ވަގުތަށް ވަރަށް މުހިންމެ" ވެ.
"ސްރީލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ވަގުތަށް ވަރަށް މުހިންމު އަދި އެހާމެ ދަރުމައާ ސަވާބު ލިބޭނެ ކަމެއް،"
މި ސަރުކާރުގެ ދިފާއުގައި ވަރަށް ގިނައިން ވާހަކަ ދައްކަވާ އައްޝައިހް އިލްޔާސް ހުސައިން އަދި ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފާއި ޝައިހް އަލީ ޒައިދުވެސް ވަނީ އެކަން ކުރުން މުހިންމު ކަމަށް ވިދާޅުވެ އެކަންކުރުމަށް ހިތްވަރު ދެއްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އެއް ބޭފުޅަކީ މިނިސްޓަރެވެ. އަނެއް ތިން ބޭފުޅުންނީ ފެށުނީއްސުރެ ސަރުކާރު ދިފާއުކޮށް ވާހާކަ ދައްކަވާ ސަރުކާރުން ގޯހެއް ހެދިޔަސް އެކަމެއް ވަށައިޖެހޭ ގޮތަށް ހުއްޖަތެއް ނެރެ ދެއްވާ ތިން ބޭފުޅުންނެވެ.
ލަންކާގެ ދީނީ އިލްމުވެރިންނަށް ނޭނގޭ
ލަންކާގައި ބައި މަދު މުސްލިމުންނަށް ހަރުކަށި ބުދު ދީނުގެ މީހުން ވަރަށް ގިނައިން ހަމަލާދީ މަރައެވެ. މުސްލިމުންގެ ވިޔަފާރިތަކުގައި ހުޅުޖަހާ އަންދާ ހަދަ އެވެ. ބުދު ދީނުގެ ހަރުކަށި މީހުންގެ ވަރަށް ބޮޑު ނަފުރަތެއް އެ ގައުމުގެ މުސްލިމުންނާމެދު އޮވެއެވެ. ބައެއް ފަހަރު އެ މީހުންގެ ހަރުކަށިކަން އިންތިހާއަށް ދަނީ ބައެއް ސަރުކާރުތަކުން އެކަމަށް ހިތްވަރުދީ ހަދާފައިވުމުންނެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ވަޅުލައިދިނުމަށް އެ ގައުމުގެ ސަރުކާރުން އެދިފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފަައިވާއިރު ލަންކާ ސަރުކާރުން އެކަމުގައި މުސްލިމުންގެ މަޝްވަރާ ވެސް ހޯދާފައެއް ނުވެއެވެ. މުސްލިމުން ތަމްސީލުކުރާ އިސް ޖަމާއަތްތަކާއި ވާހަކަ ދައްކާފައެއް ނުވެއެވެ.
ލަންކާގެ ބައެއް މުސްލިމު ޖަމާއަތްތަކުން ބުނާ ގޮތުން އެފަދަ ހުށައެޅުމެއް ރާއްޖެއަށް ހުށައެޅި ކަމަށް ބުނުމަކީ ހައިރާންވާން ޖެހޭ ފަދަ ކަމެކެވެ. އަދި އެއީ ހުށައަޅާފައިވާ ހުށައެޅުމެއް ނަމަ ލަންކާ ސަރުކާރުގެ މަގްސަދާމެދު ވެސް ސުވާލު އުފެދެ އެވެ.
ލަންކާގެ ބައެއް ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ކޮވިޑްގައި މަރުވާ މުސްލިމުންނާމެދު އަމަލު ކުރަންވީ ގޮތް ރަސްމީކޮށް ލިޔެކިޔުމުން ވެސް ހުށައަޅާފައިވާނެ އެވެ. އެގޮތުން މުސްލިމުން ވަޅުލުމަށް ހާއްސަ ޓީމުތަކެއް އެކުލަވާލައި އެ ޓީމުތަކުން މީހަކު ވަޅުލުމުގައި މަސައްކަތް ކޮށްފިނަމަ ސަރުކާރުން ކަނޑައަޅާ ވަކި ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރާނެ ކަމަށް އަންގާފައިވާނެ އެވެ.
ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް އެހެން ބުނެފައި ވެއެވެ. އެހެން އޮއްވާ ބުދު ދީނުގެ ހަރުކަށި ވިސްނުމަކުން ނެރުނު ހިޔާލީ ވާހަކަތަކަކަށް ސަރުކާރުން އަމަލު ކުރަންޖެހޭ ސަބަބެއް ނެތެވެ. ލަންކާގެ އިިލްމުވެރިން ވިދާޅުވަނީ އެހެނެވެ.
ލަންކާގެ ސިޔާސީ ބައެއް ބޭފުޅުން ވެސް ގެންދަވަނީ އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ލަންކާގައި ދެ ފަހަރެއްގެ މަތިން ފޮރިން މިނިސްޓަރުކަން ކުރެއްވި އަދި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި މަންގަލަ ސަމަރަވީރާ ވަނީ ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނެސް ވަޅުލައިދިނުމަށް އެދުނު އެދުމަކީ ތެދެއްތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެކަމާއި އޭނާ ދެކޮޅު ހައްދަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ލަންކާގެ ކޮންމެ ރައްޔިތަކަށް ވެސް އެ ގައުމުގައި ހަމަހަމަ ފުުރުސަތާއި ހައްގު އޮންނަން ވާނެ އެވެ. އަދި ލަންކާގެ ކޮންމެ ރައްޔިތަކަށް އެ ރައްޔިތަކު ނިސްބަތްވާ ދީނުގައިވާ ގޮތަށް ޖަނާޒާގެ ކަންކަން ލަންކާގައި ކުރެވެން ވާނެ އެވެ. މަންގަލަ ވިދާޅުވާ ގޮތުގައި ލަންކާގެ ހުށައެޅުމަކީ ލަދުވެތި ހުށައެޅުމެކެވެ.
ކުރަން އުޅެނީ ކޮން ކަމެއް؟
މި ބަހުސްގައި އެންމެ ގިނަ ބަޔަކު ކުރާ އެއް ސުވާލަކީ މިއީ އެވެ. ކުރަން މި އުޅެނީ ކީއް ހެއްޔެވެ؟ އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަދި އެކަން ކުރަން ފަށައިފިނަމަ އެކަމުގެ ނިމުމަކީ ކޮބައި ހެއްޔެވެ؟
ލަންކާގައި މުސްލިމުންނަށް އެތައް ހުރަސްތަކެއް އޮތް އިރު އެއިން އެއްވެސް ކަމެއް ހައްލުނުކޮށް މި މައްސަލައަށް ހައްލު ހޯދުމަށް ލަންކާ ސަރުކާރުން މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ އަދި މިކަމުގައި ރާއްޖޭގެ އެހީތެރިކަމަށް އެދުނީ ކީއްވެ ހެއްޔެވެ؟ މިހާތަނަށް ކޮވިޑް ޖެހިގެން މަަރުވި ހުރިހާ މުސްލިމުން ވެސް އަންދާލީ އެވެ. އެކަން ކުރީ ވެސް މުސްލިމުން އެކަމާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށެވެ. ކަން އެހެން އޮތްއިރު މިކަމުގައި ރާއްޖޭގެ އެހީތެރިކަމަށް އެދުނީ ކޮން ޕްރެޝަރެއް ސަރުކާރަށް އައުމުން ހެއްޔެވެ؟ ނުވަތަ ރާއްޖެއަށް ދިވެހި ސަރުކާރަށް ކޮން ކަމެއް ކޮށްދެވޭނެ ކަމަށް ދެކެގެން ހެއްޔެވެ؟ ނޫން ނަމަ ރާއްޖެއިން އިޝާރާތެއް ދީގެން ހެއްޔެވެ؟ ގިނަ އަދަދަކަށް ފައިސާ ދިނީ ހެއްޔެވެ؟
މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ. އަވަސްއާ ވާހަކަ ދެއްކި ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ އިލްމުވެރިންގެ ނަޒަރުގައި މިއީ ދީނީ މައްސަލައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު މުސްލިމުންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެފައި ވެއެވެ. ދިވެހި ގައުމާއި ރައްޔިތުން އަބަދުވެސް ތިބޭނީ އެ މުސްލިމުންނާއެކުގަ އެވެ. ދިވެހިންގެ ހެޔޮ ދުއާ އަބަދުވެސް މުސްލިމުންނާއެކު ވާނެ އެވެ. ނަމަވެސް އެ މުސްލިމުންނަށް އެހީތެރި ވެދީ، މި ގައުމަށް ގެނެސް، ނުވަތަ މަރުވެއްޖެނަމަ ޖަނާޒާގެ ކަންކަން ހަމަޖައްސައި ދެވޭނެ ގޮތެއް މިރާއްޖެއަކު ނެތެވެ. އެ ވަސީލަތެއް، ކުޅަދާނަ ކަމެއްވެސް ނެތެވެ. އެހެން ކަމަށްވީއިރު ބޮޑު ބަލިމަޑުކަމެއްގައި ގައުމަކުން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ހަމަޖައްސައިދޭނީ ކިހިނަކުން ހެއްޔެވެ؟
ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމުގެ ކަންކަން ހަމަޖެއްސުމާއި ގުޅޭގޮތުން ސަރުކާރުން ރަސްމީކޮށް އަދި ނިންމުމެއް ނުނިންމަ އެވެ. ނަމަަވެސް ސަރުކާރުން އެފަދަ ނިންމުމެއް ނިންމާނެ ކަަމާއި ނިންމުން މުހިންމު ކަމަށް ބުނެ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކާ ބައެއް ބޭފުޅުން ގެންދަވަނީ ޓްވީޓް ކުރައްވަމުންނެވެ. މިއީ ސަރުކާރުގެ ނިންމުން އައުމުގެ ކުރިން ކޮށްލާ ޓެސްޓަކަށް ވެސް ވެދާނެ އެވެ. މީގެ ކުރިން ވެސް ސަރުކާރުތަކުން ކަން ކުރަނީ އެ ގޮތަށެވެ. ނަމަވެސް އޭގެ ކުރިން ސާފުވާން ޖެހޭ ސުވާލުތައް އެބަހުއްޓެވެ.
އެއީ ލަންކާ ސަރުކާރުން މިފަދަ ހުށައެޅުމެއް ހުށައެޅި ހަގީގީ ސަބަބެވެ. އަދި ދިވެހި ސަރުކާރުން މިކަން ކޮށްދެވޭނެ މަގެއް އޮތްތޯ އިދާރާތަކާއެކު މަޝްވަރާ ފެށި ހަގީގީ ސަބަބެވެ. މިއީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ އިތުރުން އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ބުނުމަކުން ނުފުދެއެވެ. އަދި އެއީ ސާފު ޖަވާބެއް ވެސް ނޫނެވެ.