މިދިއަ އަހަރުގެ ނޮވެމްބަރު މަހު، އަވަށްޓެރި ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ގޮތާބޭ ރާޖަޕަކްސަ މަގާމުގެ ހުވާ ކުރެއްވީ، އެ ގައުމުގެ ދެކުނުގައި ހުންނަ އެންމެ ޒަމާންވީ ބުޑިސްޓުންގެ ފައްޅީގައި އެވެ. އެމަނިކުފާނު އެ ދުވަހު ހުވާ ކުރެއްވިއިރު، ކުރިމަތިލައްވައިގެން ހުންނެވީ، އޭގެ ދެ ހާސް ގަރުނު ކުރީގެ ބުޑިސްޓުންގެ ތާރީހީ ބިނާއަކާ އެވެ. އެއީ، އިންޑިއާގެ ތަމަޅަ ރަސްކަލަކު، ލަންކާއަށް ވެރިވެގަންނަން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލި ލަންކާގެ ބުޑިސްޓު ރަސްކަލަކު ބިނާކުރި ތަނެކެވެ. ލަންކާގެ ބުޑިސްޓު ވެރިކަމެއްގެ ތާރީހީ ރަމްޒެކެވެ.
އެ ދުވަހު، އެތަނުގައި ހުންނަވައިގެން ގޮތާބޭ ނުސީދާ ގޮތުން ދެއްވާފައި ވަނީ ވަރުގަދަ މެސެޖެކެވެ. ބުޑިސްޓުންގެ ބާރުވެރިކަމުގެ ތެރެއިން، އެ ދީނުގެ ގައުމިއްޔަތެއް އިއާދަ ކޮށްދޭނެ ކަމުގެ ހިމޭން އެ ވައުދު ވެގެން ގޮސްފައި ވަނީ، ލަންކާގައި އާބާދީ ކުޑަ ތަމަޅައިންނާއި މުސްލިމުންނަށް ނުރައްކާތެރި އިންޒާރަކަށެވެ.
މިހާރު އުފެދިގެން މިއުޅޭ އަރައިރުން ގޮސް ގުޅެނީ އެ ދުވަހާ އެވެ. އަދި އޭގެ ހަތް މަސް ދުވަސް ކުރިން، ލަންކާގެ ތާރީހު ނުދެކޭ ފަދަ ބޮމުގެ ހަމަލާތަކާ އެވެ. ރިޔާސީ އިންތިހާބުގައި ގޮތާބޭއަށް ވޯޓު ނުދިން ގިނަ މުސްލިމުންނާއި ތަމަޅައިގެން ހައްގުތަކާ އެވެ. ހަރުކަށި ފިކުރުގެ ބުޑިސްޓުންގެ ރުއްސަން ހިންގާ ވަރުގަދަ ޖަރީމާއަކާ އެވެ. ކިތަންމެ ދެކޮޅު ނުޖެހޭ ހުއްޖަތެއްގެ ތެރެއިން ފޮރުވަން މަސައްކަތް ކުރި ނަމަވެސް، މިއީ ހަމަ ފާޅުގައި ފެންނަން އޮތް ބަދަލު ހިފުމެކެވެ.
އާއިލާތަކުގެ ނުރުހުމުގައި އަންދާލަނީ
ކޮވިޑް-19 އިގެ ބިރުވެރިކަމުގެ ތެރެއަށް މުޅި ދުނިޔެއާއެކު ލަންކާ ވެސް ވެއްޓިގެން ގޮސް، އެ ބަލީގެ އެންމެ ފުރަތަމަ މަރު ރިޕޯޓުކޮށްފައި ވަނީ މިދިއަ މާޗް މަހު އެވެ. އެ ބަލީގެ ޝިކާރައަކަށް ފުރަތަމަ ފަހަރަށް ލަންކާ ރައްޔިތަކު ވެގެން ދިއުމާއެކު، ކޮވިޑާ ގުޅިގެން އަމަލު ކުރާނެ އުސޫލެއް ސަރުކާރުން އެކުލަވައިލިއިރު، އޭގައި އޮތީ، އެ ބަލީގައި މަރުވާ ހުރިހާ މީހުން، އަންދާލަން މަޖުބޫރުކޮށްފަ އެވެ.
ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފައި ވީނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެކަމަށް ލަންކާ ސަރުކާރުން ދައްކަމުން ދަނީ ބަހަނާއެކެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކޮވިޑުގައި މަރުވާ މީހުން ވަޅުލަމުންދާއިރު، ލަންކާއަކީ ފެނުގެ ފަށަލަ ވަރަށް އުސް ގައުމެއް ކަމަށް ބުނެ ލަންކާ ސަރުކާރުން ދައްކާ ހުއްޖަތް ކޮންމެ ނަޒަރަކުން ބެލި ނަމަވެސް، ދެކޮޅު ޖެއްސޭނެ ގޮތެއް ނެތެވެ.
ނަމަވެސް، މުސްލިމުންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދީފައި، މުސްލިމުންގެ ތެރެއިން މަރުވާ މީހުންގެ ހަށިތައް އަންދާލަމުން ދަނިކޮށް، މިފަހުން މަރުވި 19 މުސްލިމުންގެ އާއިލާތަކުން ވަނީ ހަށިތަކާ ހަވާލުވާން ދެކޮޅު ހަދައިފަ އެވެ. ހަށިތައް އަންދާލުމަށް އާއިލާތަކުން ދައުލަތަށް ފައިސާ ދައްކަންވެސް ޖެހޭއިރު، އެ މީހުންގެ ނުގަބޫލުގައި ކުރާ ކަމަކަށް ފާޅުގައި ނޫނެކޭ ބުނެ އެވެ.
އެއާއެކު، ގާނޫނީ ގޮތުން ބަނދެވުނު އަތް، ލަންކާގެ ބަންޑާރަ ނައިބު މެދުވެރިގެން ވަނީ ނައްޓުވައިދީފައި އެވެ. ހަވާލުވާނެ މީހަކު ނެތް ހަށިތައް އެންދުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ކަމަށް ކަނޑައަޅައިގެންނެވެ. އެ ނިންމުމާއެކު އެތައް ދުވަހެއް ވަންދެން މޯގުގައި ހުރި ހަށިތައް އަނެއްކާ ވެސް އަންދާލަން ފެށި އެވެ.
މިކަމުގައި ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ، 20 ދުވަހުގެ ތުއްތު ކުއްޖަކު، މައިންބަފައިންގެ ނުރުހުމުގައި، އާއިލާގެ އެއްވެސް މީހަކު ނެތި އަންދާލުމުންނެވެ. ފުރަތަމަ ފަހަރަށް، ލަންކާގެ މުސްލިމުންނާ އެއްކޮަޅަށް ބުޑިސްޓުން ވެސް ހިމެނޭ ގޮތަށް އެހެން ދީންތަކުގެ މީހުންވެސް ތެދުވީ އެވެ. މަގުތަކަށް ނުކުމެ، އެކަމާ ދެކޮޅަށް އަޑުއުފުލައި، ސަރުކާރު ރަނގަޅަށް ވެސް ޕްރެޝަރަށް ވައްޓާލީ އެވެ.
ޖަރީމާގައި ރާއްޖެ ބައިވެރިކުރުން
ލަންކާ ސަރުކާރަށް ޕްރެޝަރު ބޮޑު ކޮށްލުމުން، ބޮޑުވަޒީރު އަދި ރައީސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ވަނީ، މަރުވާ މީހުންގެ ހަށިތައް އާއިލާގެ ނުގަބޫލުގައި އެނދުން މިވަގުތަށް ހުއްޓާލަން އަންގަވާފަ އެވެ. އަދި، ފެން ފަށަލަ ތިރި ސަރަހައްދެއް ހޯދައި، ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް ވަޅުލެވޭނެ ގޮތެއް އޮތްތޯ ބެލުމަށް އަންގަވައިފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ލަންކާގެ ދެކުނުގައި އޮންނަ މަންނާރު ޑިސްޓްރިކްޓުގައި ވަކިން އޮންނަ ރަށެއް ކަމަށްވާ މަންނާރު އައިލެންޑުގައި ކޮވިޑުގައި މަރުވާ މީހުން ވަޅުލެވޭނެތޯ ބަލަމުން އަންނަ ކަމަށްވެ އެވެ.
ނަމަވެސް، އެކަމުގައި މާބޮޑު ކުރިއެރުމެއް ނުލިބި އުޅެނިކޮށް، ލަންކާގެ ބައެއް ނޫސްތަކުގައި މުޅިން އާ ވާހަކައެއް ވަނީ ކުއްލިއަކަށް ފެތުރިގެން ގޮސްފައި އެވެ.
ލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގެ ވަޅުލުމަށް ދިވެހި ސަރުކާރުން ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ތިލަވުމާއެކު ދިވެހިންނަށް ވެސް ކުއްލި ހައިރާންކަމެއް ލިބިގެންދިއަ އެވެ.
ދިވެހި ސަރުކާރުގެ ހުށަހެޅުމާއެކު، އެކަން ކުރެވިދާނެ ގޮތުގެ އުސޫލުތަކެއް އެކުލަވާލަން ލަންކާގެ ހެލްތު މިނިސްޓްރީން އަންގާފައިވާ ކަމަށް ލަންކާގެ ޕަބްލިކް ހެލްތު ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް ޑރ. ހޭމަންތަ ހޭރަތު ވިދާޅުވެފައިވެ އެވެ.
"މިކަން ކޮށްދޭން ރާއްޖޭން ހުށަހަޅާފައި ވަނީ، އެއީ ޖަޒީރާ ގައުމަކަށްވެފައި، އަޅުގަނޑުމެންނަށް މި ދިމާވާ މައްސަލަ ރާއްޖެއަށް ދިމާ ނުވާތީ. ހަށިގަނޑުތައް ވަކި ރަށެއްގައި ވަޅުލައި ދޭން ދިވެހި ސަރުކާރުން ހުށަހަޅާފައި ވަނީ،" ޑރ. ހޭރަތު ވިދާޅުވި އެވެ.
ނަމަވެސް، އެއީ އެކަން ހިނގި ގޮތް ނޫން ކަމަށް ފަހުން ދިވެހި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަކުން ސާފުވި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު އެ ބަޔާނުގައި ބުނީ، ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވި އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި، ރައީސް ގޮތާބޭގެ ސިޓީ ފޮނުއްވުމާ އެކީގައި، މިކަން ކުރަން އުޅެނީ ދިވެހި ސަރުކާރުން އިސްވެ އެދިގެން ކަމަށް ބުނެ، އެވާހަކަ ލަންކާގެ މީޑިއާތަކަށް އޮތީ ލީކުކޮށްލައިފަ އެވެ. އެކަމުގެ ފަހަތުގައި އޮތީ، މުސްލިމުންގެ ހައްގުގައި ރާއްޖެއަށް ނޫނެކޭ ބުނުމުގެ ފުރުސަތު ހަނިކުރަންތޯ، ނޫނީ، އަމިއްލަ ރައްޔިތުންތަކެއް ހިތްހަމަޖެއްސުމަށްތޯ މިއީ ހަމައެކަނި އެކަން ކުރި ބަޔަކު ދެނަހުރި ސިއްރެކެވެ.
ކަން އެ ހިސާބަށް ނިއުޅިފައި އޮއްވާ، ރާއްޖޭން މިވަނީ ރަނގަޅަށްވެސް މި މައްސަލާގައި ދަލު ބޭރުން ޖެހިފައި އެވެ.
"އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހައްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން،" މިއީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އެންމެ ފަހުން ބުނި ވާހަކަ އެވެ.
އެއާއެކު، އަވަށްޓެރި ގައުމެއްގައި ހިނގަމުންދާ ބޮޑު ޖަރީމާއެއް ވަނީ ދިވެހިންގެ މެދުގައި ބޮޑު ބަހުސަކަށް ބަދަލުވެފައި އެވެ. އެކަމުގައި އެންމެންގެ ރައުޔުވެސް ތަފާތެވެ. ސިޔާސީ ބޭފުޅުންނާއި، ދީނީ އިލްމުވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުންވެސް ހިމެނޭ ގޮތަށެވެ.
އެއް ކޮޅުގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަދަ ބޭފުޅުންނެވެ. އެމަނިކުފާނުވެސް ތަކުރާރުކޮށް ވިދާޅުވާ ގޮތުގައި މުސްލިމުންނަށް އެހީވުމުގެ ނަމުގައި، މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.
ދެން އޮތީ އަނެއް ކޮޅެވެ. ކޮންމެވެސް އަޑިނޭނގޭ ސަބަބަކާ ހެދި ސަރުކާރުން ދެކޭ ގޮތެވެ. މި ބަހުސް އެންމެ ހޫނުވި ދަނޑިވަޅު ބަލާފައި، އިސްލާމިކް މިނިސްޓްރީން ވަނީ މިކަމުގެ ރައުޔު ހާމަކޮށްފައި އެވެ.
"ސްރީލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ވަގުތަށް ވަރަށް މުހިންމު އަދި އެހާމެ ދަރުމައާ ސަވާބު ލިބޭނެ ކަމެއް،" އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެފައިވެ އެވެ.
ނަމަވެސް، ގިނަ ބަޔެއްގެ ނަޒަރުގައި، އެންމެ ދެކޮޅު ނުޖެހޭ، އާދަޔާ ހިލާފު ހުއްޖަތް ދެއްކެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމަނިކުފާނު ވިދާޅުވީ ލަންކާގެ ހުށައެޅުމާއި ގުޅޭގޮތުން ދެ ގައުމުން ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. ލަންކާއަކީ އަބަދުވެސް ރާއްޖެއާ ވަރަށް ގާތް އެކުވެރި ގައުމެއް ކަމަށާ ކޮންމެ އަޑިގަނޑަކާއި އުސްގަނޑެއްގައިވެސް ރާއްޖެ-ލަންކާ އޮންނާނީ އެކުގައި ކަމަށެވެ.
ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ކަމަށް ވިދާޅުވެ ދިވެހިންގެ ހަތަރު ޖީލެއްގެ މީހުން ލަންކާގެ ގަބުރުސްތާނުތަކުގައި ވަޅުލާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭން ބާރު އަޅަންވީ ލަންކާގެ މުސްލިމުންގެ ހައްގަށް
އެއީ ހަގީގަތުގައިވެސް މި ބަހުސްގެ ތެރެއިން ފެންމަތިވެގެން އައި އެންމެ އާދަޔާ ހިލާފު ބަހަނާ އެވެ. ތެދެކެވެ. ލަންކާގެ ޖާވައްތަ ސަހާރާގައި އެތަކެއް ދިވެހިންނެއްގެ މާހަނާތައް އެބަހުއްޓެވެ. އެކަމަކު މިހާރު އުފެދިގެން މިއުޅެނީ މުޅިން ތަފާތު މައްސަލަ އެކެވެ. ލަންކާގައި ދިވެހިން ވަޅުލާފައިވަނީ، ރާއްޖޭން އެމީހުންގެ ހަށިތަކާ ހަވާލުވާން ދެކޮޅު ހަދައިގެންނެއް ނޫނެވެ. ނޫނީ އެ އާއިލާތަކުގެ ނުގަބޫލުގައި އެއް ނޫނެވެ.
ލަންކާއެކޭ އެއްގޮތަށް، ރާއްޖޭގައި ވެސް ވަޅުލާފައިވާ އެތަކެއް ބޭރު މީހުން ތިބޭނެ އެވެ. މި ދައްކަނީ އަވަށްޓެރި ގައުމެއްގައި ތިބި މުސްލިމުންތަކެއްގެ އަސާސީ ހައްގެއްގެ ވާހަކަ އެވެ. އެ ހައްގު ވަރަށް ފާޅުގައި ނިގުޅައިގަންނަން ހިންގާ ޖަރީމާއެއްގައި ރާއްޖޭން ބައިވެރިވާން ފަރިކުރާތީ އެވެ.
މިކަން ކުރަން އުޅޭކަން ލަންކާގެ ކެބިނެޓަށްވެސް ނޭނގޭކަމަށް ބުނާއިރު، ލަންކާ ފަދަ ބިމުގެ ތަނަވަސްކަންއޮތް ގައުމެއްގައި، އެ ގައުމުގެ ރައްޔިތުންތަކެއް ވަޅުނުލެވޭނެ އެއްވެސް އުޒުރެއް ނެތެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިތުރުން، 2002 ވަނަ އަހަރު ސާސް ވައިރަސް އެންމެ ފުރަތަމަ ދެނެގަތް، މަޝްހޫރު ވައިރޮލޮޖިސްޓް މަލިކް ޕީރިސްވެސް ދާދި ފަހުން ވިދާޅުވި ގޮތުގައި، ވަޅުލާފައިވާ މައްޔިތެއްގެ ހަށިގަނޑުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ވަރަށް ހަނި ކަމަށެވެ.
އަދި އޭގެ ހަށިގަނޑަކުން، ފެން ފަށަލައާ ހަމައަށް ބަލި ފޯރިނަމަވެސް، ބިމުގެ ގުދުރަތީ ފިލްޓަރު ކުރުމުގެ އެތަކެއް މަރުހަލާއަކަށްފަހު، ބޯފެނުގެ ޒަރިއްޔާއިން އެ ބަލި ފެތުރުމަކީ ނުވާނެކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައި އެވެ.
އެއާއެކު، ލަންކާ ސަރުކާރުގެ ތެރޭގައިވެސް އެ މައްސަލަ ހޫނުވެފައިވާކަމަށް މައުލޫމާތު ލިބެ އެވެ.
ކަން މިހެން އޮތް އިރު، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ މި ޖަރީމާ ދެކޮޅު ޖެއްސޭނެ ގޮތެއް ނޯންނާނެ އެވެ.
ސައިންސާއި އަދި ބުއްދީގެ ހަމަތަކުން ބެލި ނަމަވެސް، މިއުޅެނީ ލަންކާ ސަރުކާރަށް ދައްޗެއް ދިމާވެގެންނޫން ކަން ވަރަށް ސާފެވެ. ފެންނަން މިއޮތީ، އާބާދީގެ ބޮޑުބައެއް ރުއްސުމަށްޓަކައި، މައިނޯރިޓީގެ ހައްގުތައް ގުރުބާން ކުރާ މަންޒަރެވެ. އަމިއްލަ ފަސްގަނޑުގައި ވަޅުލެވުމުގެ އެންމެ އަސާސީ ހައްގަށް ފައިން އަރައި، ރައްޔިތުންތަކެއް އަމިއްލަ ގައުމަށް ބީރަށްޓެހިކުރާ ކުރުމެވެ.
މިކަމުގެ ތެރެއަށް ރާއްޖޭން ވަދެގެން އުޅޭތީ، ލަންކާ މުސްލިމުންގެ ނުރުހުން މިހާރު ވަނީ ދިވެހިންނަށްވެސް އަމާޒުވާން ފަށައިފަ އެވެ. އެކަން އެގޮތަށް ނުކޮށްދިނުމަށް އެދި ލަންކާ މުސްލިމުންގެ ޖަމާއަތްތަކުންނާއި އާއްމުންގެ ތެރެއިން ގިނަ ބަޔަކު ވެސް އެދަނީ ރާއްޖެއަށް ގޮވާލަމުންނެވެ.
ކުރު ގޮތަކަށް އެ ބުނަނީ، އެ މީހުންގެ ހަށިތައް ރާއްޖެ ގެނެސް ވަޅުލާން އެމީހުން ބޭނުން ނުވާ ވާހަކަ އެވެ. އެ މީހުން ބޭނުންވަނީ އެ މީހުންގެ ހައްގު ހޯދައިށެވެ. އެކަމުން ލަންކާ ސަރުކާރު ރެކި ގަންނަން، ރާއްޖެ މެދުވެރިއަކަށް ނުވާށޭ އެވެ.
އެއީ ލަންކާ މުސްލިމުންގެ އާދޭހަށްވާއިރު، އެ މީހުނަށް އެހީވެދިނުމުގެ ނަމުގައި ދިވެހި ސަރުކާރުން ކުރަން މިއުޅޭކަމަކާމެދު ސުވާލު އުފެދެ އެވެ. މުސްލިމުންތަކެއްގެ ހައްގަކަށް އަރައިގަތުމުގައި ރާއްޖޭން ބައިވެރިވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ބައިވެރިވުމެއް އޮތިއްޔާ، ބާރު އަޅަންވީ، ލަންކާ މުސްލިމުންގެ ހައްގުތައް ހޯދައި ދިނުމަށެވެ.
އެ އެދުމަށް ނޫނެކޭ ބުނެ، ސިއްރުން ވިޔަސް، ވައި އަޑުން ނަމަވެސް، ލަންކާ ސަރުކާރު ގާތު އެދެންވީ، މުސްލިމުންނަށް އިހާނަތްތެރި ނުވުމަށެވެ. ސިޔާސީ ބަދަލުހިފުން ހުއްޓާލުމަށެވެ.
އެކަން ކުރަން ނުކެރޭ ނަމަ، އަވަށްޓެރި އިންޑިއާގައި، ހާއްސަކޮށް ކަޝްމީރުގައި ހިނގާ ކަންކަމަށް ދިވެހި ސަރުކާރު ކަނުވެފައި ތިބި ގޮތަށް، މިކަމުގައި ވެސް މޫނު އަނެއް ފަރާތަށް ލައިގެން، ނުފެންނަ ކަމަށް ހަދައިގެން ތިބުންވެސް މާ ރަނގަޅުވާނެ އެވެ.