ހަބަރު

ރާއްޖޭގައި ވަޅުލުމުގެ ވިސްނުން ލަންކާއިން ދޫކޮށްލައިފި

Dec 21, 2020

އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލައިދޭން އެދިފައިވީ ނަމަވެސް، އެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެ ގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާތީ، އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައި އެވެ.

ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައި ވީނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެކަމުގެ ބިރު ފަތުރާފައިވަނީ، ރައީސް ގޮތާބޭ ރާޖަޕަކްސައަށް ތާއީދުކުރާ ހަރުކަށި ފިކުރު ބުޑިސްޓު މޮންކުންކަމުގެ ތުހުމަތު ވަނީ އަމާޒުވެފައި އެވެ.

އެއާއެކު، އެ މައްސަލާގައި ދިވެހި ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުންތައް އުފެދިފައިވާއިރު، ލަންކާގެ އިތުރުން ރާއްޖޭގެ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ލަންކާ ސަރުކާރަށް ފާޑުކިއަމުންނެވެ.

އަދި ލަންކާ މުސްލިމުންނާއެކު، އެހެން ދީންތަކުގެ މީހުންވެސް ވަނީ ލަންކާގެ އެކި ސަރަހައްދުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައި އެވެ.

އަދި ލަންކާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާއަކަށް ދިވެހި ސަރުކާރުން ވާގިވެރިނުވުމަށް ލަންކާ މުސްލިމުންގެ ޖަމިއްޔާތަކުންނާއި، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވެސް ދަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ލަންކާ ސަރުކާރަށް ކުރިމަތިވެފައިވާ ޕްރެޝަރު އިންތިހާއަށް އިތުރުވެފައިވާއިރު، ލަންކާ ކެބިނެޓުގެ ތަރުޖަމާނު މިނިސްޓަރު ކެހެލިޔަ ރަމްބުކްވެލަ ލަންކާގެ މީޑިއާތަކަށް ވިދާޅުވެފައިވަނީ، ކޮވިޑް-19 ޖެހިގެން މަރުވާ ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް، އެކަމުގައި ރައީސް އޮފީހުގެ ބަހެއް ނުލިބޭތީ، އެ ނިންމުން ދިވެހި ސަރުކާރާ ރަސްމީކޮށް ހިއްސާކުރި ކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ރަމްބުކްވެލަ އާ ހަވާލާދީ މީޑިއާތަކުން ބުނި ގޮތުގައި، ލަންކާ މުސްލިމު ލީޑަރުންގެ ހުށަހެޅުމާ އެއްގޮތަށް، ލަންކާ ސަރުކާރުގެ ވިސްނުމަކީ، ކައްވަޅުގައި ކޮންކްރީޓު އަޅައިގެން ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލަން ކަމަށެވެ.

އަދި ބިންގަޑަށް ބަލި ފެތުރުން ހުއްޓުވަން، ހާއްސަ ކެމިކަލަކާއި އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ނިންމާފައިވާކަމަށްވެ އެވެ.

ރަމްބުކްވެލަ ވިދާޅުވީ ކުރިއަށްއޮތް ދެ ތިން ދުވަހެއްގެ ތެރޭގައި، އެގޮތަށް ވަޅުލުމުގެ ކަންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ދޭނެ ކަމަށެވެ.