ހަބަރު

"ވަކާލާތު ކުރަންވީ ލަންކާ މުސްލިމުންގެ ހައްގަށް"

ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެމީހުންގެ އަމިއްލަ ގައުމުން ބޭރު ކުރުމުގެ ތެރެއަށް ރާއްޖެ ނުވަދެ، ރާއްޖެއިން ވަކާލާތު ކުރަންވީ ލަންކާގެ މުސްލިމުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަނަސް (އެމްޑީއޭ)ގެ ނާއިބް ލީޑަރު އަދި އެޕާޓީގެ ސްޕޯކްސްޕާސަން އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާތީ އެކަމާ އެ ގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކޮވިޑްގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދުމުން އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވަނިކޮށެވެ.

އެކަމާއި ގުޅިގެން ބޮޑު ބަހުސެއް ވަނީ ފެށިފަ އެވެ. އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންނާއި އާންމުންވެސް ގެންދަނީ އެ މައްސަލާގައި އެ ބޭފުޅުންގެ ހިޔާލުތައް ފާޅުކުރަމުންނެވެ.

އެމްޑީއޭގެ ނާއިބް ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްގައި މުސްލިމަކު ހުރި ނަމަވެސް ދިވެހި ގައުމާއި ރައްޔިތުން ތިބޭނީ އެ މުސްލިމަކާއެކު ކަމަށެވެ. މުސްލިމުންނަށް އަނިޔާކޮށް މުސްލިމުންގެ ހައްގުތައް ނިގުޅައިގަންނަ ނަމަ އެކަމަކާއި ދެކޮޅަށް ދިވެހިން އަޑުއުފުލާނެ ކަމަށްވެސް ވިދާޅުވިއެވެ. އާމިރު ވިދާޅުވީ ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން އެހެން ގައުމަކަށް ގެންގޮސް ވަޅުލަން ފުރުސަތު ދިނުމުގެ ކުރިން އެ މުސްލިމުންގެ ހައްގުތައް ހޯދާ ދިނުމަށް އަޑުއުފުލަން ޖެހޭ ކަމަަށެވެ. އަދި މުސްލިމަކަށްވީތީ އެ މީހެއްގެ ނުވަތަ އާއިލާއެއްގެ ނުރުހުމުގައި އެއްވެސް ހައްގެއް ނިގުޅައިގެނެވިގެން ނުވާނެ ކަމަށް އާމިރު ވިދާޅުވިއެވެ.

"ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން އެހެން ގައުމަކަށް ގެންގޮސް ވަޅުލާން އެ ގައުމުގެ ސަރުކާރުން ނިންމާއިރު އަދި އެކަމަށް އެހެން ގައުމަކުން އެހީތެރިވާން ނިންމާއިރު ފުރަތަމަ ބަލަންޖެހޭ އެއީ އެ މުސްލިމު މުޖްތަމައު ރުހޭ ކަމެއްތޯ. އަނެއްކޮޅުން އެއީ އެމީހުންނަށް ލިބެންޖެހޭ ހައްގަކަށްވީއިރު ފުރަތަމަ އަޅުގަނޑުމެން ކުރަންވީ ކަމަކީ އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ލަންކާ ސަރުކާރަށް ގޮވާލުން،" ނިމިދިޔަ ދެ މަޖިލީހުގައިވެސް ކުޑަހުވަދޫ ދާއިރާ ތަމްސީލް ކުރެއްވި މެންބަރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ދިވެހިރާއްޖެއިން އެއްވެސް ގައުމަކާއި ގުޅުން ގާއިމް ކުރާނަމަ އެ ގުޅުމެއް ގާއިމު ކުރަނީ އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކާއި ހިލާފު ނުވާ ގޮތެއްގެ މަތިންނެވެ. އެހެން ކަމުން އެއްވެސް ގައުމަކުން އެ ގައުމެއްގެ މުސްލިމުންނާމެދު އިހާނެތި އަމަލެއް ހިންގާނަމަ އެކަމާއި ދެކޮޅަށް އަޑުއުފުލާ އެ ހައްގުތައް ދިނުމަށް ގޮވާލެވޭނެ ކަމަށެވެ.

"އެއީ ރާއްޖެއަށްވެސް އޮތް ހައްގެއް. ރާއްޖެއިން ކޮންމެ ބަޔަކާއެކުވެސް ސިޔާސީ ގުޅުން ގާއިމްކުރަނީ އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކާއި ހިލާފުނުވާ ގޮތެއްގެ މަތިން. އެހެންވީމަ ދިވެހިން ގުޅުން ގާއިމުކޮށްގެން ތިބި ބަޔަކު މުސްލިމުންގެ ހައްގަކަށް އުނިކަން އަންނަ ފަދަ ކަމެއް ކުރާނަމަ އެކަމާއި ދެކޮޅު ހަދާ އެ ހައްގުތައް ދިނުމަށް ގޮވާލަން ޖެހޭ. އަދި އެކަމަށް މަސައްކަތްވެސް ކުރަންޖެހޭ. އެއީ އެ މުސްލިމުން ދެކެ ހަގީގީ ލޯބިވުމަކީވެސް،"

މި މައްސަލަ ސްރީލަންކާގައި ވެސް ހޫނުވެފައިވާއިރު ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލައިދޭން ރަސްމީކޮށް އެދުނުކަން އެ ގައުމުގެ ކެބިނެޓަށް އެނގިފައިނުވާ ކަމަށް އެ ގައުމުގެ ކެބިނެޓްގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އަދި ލަންކާގެ ދީނީ އިލްމުވެރިންނާ ޖަމާއަތްތައް ދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. އަދި އެ ޖަމާއަތްތަކުން ވަނީ ލަންކާ ސަރުކާރުން ހިންގަން ރާވަމުންދާ އަޑިނޭންގޭ ކަންތައްތަކަށް ދިވެހިން ތާއީދު ނުކުުރުމަށްވެސް ގޮވާލާފައެވެ.