ފޮރިން މިނިސްޓްރީ

ގޮޓަބަޔާ ވަޑައިގަތުމާއި ގުޅޭގޮތުން މިވަގުތު އެއްޗެއް ނުބުނާނެ: ފޮރިން

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ރާއްޖެ ވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ދިވެހި ހާރިޖިއްޔާ އިން ދެކޮޅު ހަދައިފި އެވެ.

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށާ ރޭ ދަންވަރުގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވާ ކަމަށް ދުނިޔޭގެ ބައެއް ނިއުސް އެޖެންސީތަކުން ވަނީ ހަބަރު ފަތުރާފައެވެ. ރާއްޖޭގައިވެސް މިވަގުތު އެންމެ ހޫނުކޮށް އޮތީ އެ ދަތުރުފުޅުގެ ވާހަކަ އެވެ.

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިވަގުތު އެއްޗެއް ނުބުނާނެ ކަމަށެވެ.

"މި މައްސަލަ އާ [ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ރާއްޖެ ވަޑައިގަތުމާއި ގުޅޭ] ގޮތުން ފޮރިން މިނިސްޓްރީން މިވަގުތު އެއްވެސް އެއްޗެއް ނުބުނާނެ،" މިއުވާންގެ މެސެޖްގައި ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ލަންކާގެ ބައިނަލްއަގްވާމީ އެއާޕޯޓުން ފުރި އެންޓޮނޯވް-32 މަތިންދާބޯޓެއް ގައި ތިބި ހަތަރު ފަސިންޖަރުންގެ ތެރޭގައި އުމުރުން 73 އަހަރުގެ ރައީސް ގޮޓަބަޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބޮޑީގާޑަކު ހިމެނެއެވެ. އެ ބޭފުޅުން ވީއައިއޭގައި ތިއްބެވުމަށް ފަހު މިހާރު ފުރާފައިވާ ކަމަށެވެ. ދެން ވަޑައިގެންނެވީ ކޮން ތާކަށް ކަމެއް ސާފުނުވާ ކަމަށެވެ.

ލަންކާގެ އެއާފޯސް އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކާ އެއްގޮތަށް އަދި ޑިފެންސް މިނިސްޓްރީގެ ރުހުން ލިބިގެން ދިވެހިރާއްޖެއަށް ފުރުމަށް އެސްއެލްއޭއެފްގެ މަތިންދާބޯޓެއް ރައީސުލްޖުމްހޫރިއްޔާ ތައްޔާރު ކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނު އެ ދަތުރުފުޅު ކުރައްވާފައިވާ ކަމަށެވެ.