ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކުސާ ރާއްޖެއަށް ވަޑައިގެން މައްސަލަ ހޫނުވެފައި ވަނިކޮށް ތަފްސީލް ނެތް ބަޔާނެއް ސަރުކާރުން ނެރެފި އެވެ.
ފޮރިން މިނިސްޓްރީ އިނގިރޭސި ބަހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ގޮޓަބަޔާ ރާއްޖެ ވަަޑައިގެންފައި ވަނީ ޓްރާންޝިޓް - ދަތުރެއްގެ މެދުތެރެއިން - ކަމަށާ އެމަނިކުފާނު މިހާރު ފުރާވަޑައިގެންފައިވާ ކަމަަށެވެ. އެ ދަތުރުފުޅުގައި ގޮޓަބަޔާ ވަޑައިގެންނެވި ސީދާ ގަޑިއެއްވެސް އަދި ހޭދަ ކުރެއްވި ވަގުތެއްވެސް ބަޔާނުގައި ނެތެވެ.
އިތުރަށް ބުނީ ގޮޓަބަޔާ ރާއްޖެ ވަަޑައިގެންނެވުމުގެ ކުރީން އެކަން އެ ގައުމުގެ ސަރުކާރުން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އަދި ލަންކާގެ އެއާފޯސްގެ މަތިންދާބޯޓެއްގައި ގޮޓާބަޔާ ރާއްޖެ ވަޑައިގަތުމުން ޑިޕްލޮމެޓިކް ކްލިއަރެންސް ދޫކުރި ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެެއް ނެތެވެ.
ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފުރާވަޑައިގެންނެވީ 33 ގަޑިއިރު ރާއްޖޭގައި ހުންނެވުމަށް ފަހު ސައުދީއެއާލައިންގެ ފްލައިޓަކުންނެވެ. ގޮޓަބަޔާ އެއާޕޯޓަށް ވަޑައިގެންފައި ވަނީ ހުޅުލެއާ ދުރު ނޫން ރިސޯޓެއްގައި ހުންނެވުމަށް ފަހު މިއަދު ހެނދުނުގެ ވަގުތުގައެވެ.
ގޮޓަބަޔާ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ވީއައިއޭގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރިއެވެ. ރާއްޖެއިން ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ރައީސް ގޮޓަބަޔާ ދެން އަމަލު ކުރައްވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.
ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ. އަދި މިހާރު ވަނީ އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ. ނަމަވެސް އެކަން ރަސްމީކޮށް އެ ގައުމުން އަދި އިއުލާނެއް ކުރެއެވެ. ސްރީލަންކާގެ ރައީސްގެ މީޑިއާ އޮފީހުން ބުނީ ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ސިޓީގެ ގާނޫނީ ސައްހަ ކަމުގެ ޔަގީންކަން ލިބުމުން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.
ނަމަވެސް ގޮޓަބަޔާ އިސްތިއުފާ ދެއްވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ގޮޓަބަޔާއަށް ރާއްޖެއިން ހިމާޔަތް ހޯއްދަވައި ދެއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވާން އެއާޕޯޓަށް ވަޑައިގެންނެވި ރައީސް ނަޝީދު ވަނީ އިއުލާނު ކުރައްވާފައެވެ. ލަންކާގެ ބައެއް ނޫސްތަކުގައި ފުރަތަމަ ރިޕޯޓް ކުރީވެސް "ރައީސް ގޮޓަބަޔާ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ" ކަމަށެވެ.