ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

"މުސްލިމުންގެ ހަށިތައް އަންދާލިޔަ ނުދީ ވަޅުލުމުގެ ކަންކަން ހަމަޖައްސައިދޭން ޖެހޭ"

އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަކީ ކޮށްދޭންޖެހޭ ކަމެއް ކަމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އަދި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ އިތުރުން އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި، ލަންކާ ސަރުކާރުގެ އެދުމާ އެއްގޮތަށް އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ.

ލަންކާގެ ހުށައެޅުމާއި ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވީ ކޮވިޑް ބަލީގައި މަރުވާ މުސްލިމުންނާމެދު ވަރަށް އިހާނެތިކޮށް ކަންކަން ވަމުންދަނިކޮށް އެފަދަ ބަޔަކަށް އެހީތެރިވެދީ އިހާނެތިކަމުން މުސްލިމުން ސަލާމަތް ކުރަން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

"މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާހާ ހިނދަކު މާތްﷲ ވޮޑިގެން ވަނީ އެބައިމީހުންގެ އެހީތެރިކަމުގައި ކަމަށް ހަދީސްގައި އައިސްފައިވޭ. މިއީ މުސްލިމް އަވައްޓެރިންނަށް ދެވުނު ވަރަށް ބޮޑު އެހީތެރިކަމެއް،" ރައީސް ސޯލިހާއި މިނިސްޓަަރު އަބްދުﷲ ޝާހިދަށް ޝުކުރު އަދާކޮށް އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާމް ވިދާޅުވީ މުސްލިމުންގެ ހައިސިއްޔަތުން މިފަދަ ކަމެއްގައި ލަންކާގެ މުސްލިމުންގެ ހަށިތައް އެންދިޔަ ނުދީ ދީނުގައިވާ ގޮތަށް ވަޅުލުމުގެ ކަންކަން ހަމަޖައްސައިދިނުމަކީ މުސްލިމު ދިވެހިންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށެވެ.

ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައި ވީނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެކަމުގެ ބިރު ފަތުރާފައިވަނީ، ރައީސް ގޮތާބޭ ރާޖަޕަކްސައަށް ތާއީދުކުރާ ހަރުކަށި ފިކުރު ބުޑިސްޓު މޮންކުންކަމުގެ ތުހުމަތު ވަނީ އަމާޒުވެފައި އެވެ.

ލަންކާ ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގާތްގަނޑަކަށް 21 މިލިއަން މީހުންގެ އާބާދީގައި، 10 ޕަސަންޓް މުސްލިމުން ދިރިއުޅޭ ލަންކާގައި، ދީނީ އުސޫލުތަކާއި އާދަކާދައަށް ސަރުކާރުން ފުރަގަސްދީފައިވާކަމަށް ބުނެ، ލަންކާގައި ލަންކާގެ ބައެއް ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުންވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މިދިއަ އޮކްޓޯބަރު މަހުން ފެށިގެން، ލަންކާގައި ކޮވިޑް-19 އިގެ ކޭސްތައް އިންތިހާއަށް އިތުރުވެފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 29،300 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން 142 މީހަކު ވަނީ މަރުވެފައި އެވެ.