ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލަންކާ އަމަލުތަކަށް ރާއްޖޭން "ތާއީދު" ނުކުރަން ގޮވާލައިފި

Dec 15, 2020
8

އަވަށްޓެރި ސްރީލަންކާގެ މުސްލިމުންގެ ކަންބޮޑުވުންތަކާ ދެކޮޅަށް ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ހަށިތައް އަންދާލައި، އަމިއްލަ ފަސްގަނޑުގައި ވަޅުލުމުގެ ހައްގު އެ ގައުމުގެ ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށާއި، އެކަމަށް ރާއްޖޭން ތާއީދު ނުކުރުމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާތީ، އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވަނިކޮށެވެ.

ކޮވިޑް-19 ޖެހިގެން އެހެންް ގައުމުތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ވަޅުލުމަކީ އެކަމުގެ ސަބަބުން އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ރޭ ވެސް ވިދާޅުވުމަށް ފަހު، ރައީސް މައުމޫން މިއަދު ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައި ދިނުމަކީ ދީނީ ގޮތުން ރާއްޖޭން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

"އަދި އެކަން ކޮށްދީފިނަމަ އެކަން ވާނީ އެގައުމުގެ ސަރުކާރުން މުސްލިމުންނާމެދު އަމަލުކުރަމުން ދާ ގޮތަށް ކުރެވޭ ތާއީދަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލާގައި ދިވެހި ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުންތައް އުފެދިފައިވާއިރު، ލަންކާގެ އިތުރުން ރާއްޖޭގެ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ލަންކާ ސަރުކާރަށް ފާޑުކިއަމުންނެވެ.

ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައި ވީނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެކަމުގެ ބިރު ފަތުރާފައިވަނީ، ރައީސް ގޮތާބޭ ރާޖަޕަކްސައަށް ތާއީދުކުރާ ހަރުކަށި ފިކުރު ބުޑިސްޓު މޮންކުންކަމުގެ ތުހުމަތު ވަނީ އަމާޒުވެފައި އެވެ.