ރައީސް މައުމޫން އަބްދުލްގައްޔޫމް

ކޮވިޑުގައި މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލުމާ ރައީސް މައުމޫން ދެކޮޅު ހައްދަވައިފި

ކޮވިޑް-19 ޖެހިގެން އެހެންް ގައުމުތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ވަޅުލުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާތީ، އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވަނިކޮށެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގައި ލަންކާގެ މިފަދަ މުސްލިމުންނަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެގައުމުގެ ރައީސް ގޮތާބޭ ރާޖަޕަކްސަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އަދި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ އިތުރުން އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި، ލަންކާ ސަރުކާރުގެ އެދުމާ އެއްގޮތަށް އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށް އެ މިނިސްޓްރީން އިތުރަށް ބުންޏެވެ.

އަވަސްއާ ވާހަކަދައްކަވަމުން ރައީސް މައުމޫން މިރޭ ވިދާޅުވީ ކޮވިޑް-19 ޖެހިގެން އެހެންް ގައުމުތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ވަޅުލުމަކީ އެކަމުގެ ސަބަބުން އެތަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެފަދަ ކަންތައްތަކެއް ދިމާވެއްޖެނަމަ ރާއްޖެފަދަ ކުޑަ ގައުމަކަށް ކިތަންމެ ކިތަންމެ މައްސަލަތަކެއް ދިމާވެދާނެ ކަމަށެވެ. މައުމޫން ވިދާޅުވީ ބޮޑު ބައްޔެއް ޖެހިގެން މަރުވާ ބައެއްގެ ހަށިތައް އުފުލާނެ ގޮތެއް އަދި ގެނެސް ވަޅުލުމުގައި އުޅޭނެ ބައެއް އަދި އެ މީހުން ވަޅުލާނެ ތަނެއް ހަމަޖެއްސުމާއި އެ ނޫން ކިތަންމެ ކަމަކީ ކުރަންޖެހޭނެ ބޮޑެތި ބޮޑެތި މަސައްކަތްތައް ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ މުސްލިމުންނަށް ހެޔޮ އެދެން. އަދި ހުރިހާ އިންސާނުންނަށްވެސް ހެޔޮ އެދެން. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި މިއީ ކުރަން ރަނގަޅު ކަމެއް ނޫން،"

ރައީސް މައުމޫން ވިދާޅުވީ ކޮންމެ ގައުމެއްގެ ކޮންމެ ރައްޔިތަކަށްވެސް ރާއްޖެ ހުޅުވާލެވިފައިވާ ކަމަށާ ރާއްޖެ އައިސް ވަގުތު ހޭދަކުރުމަށް ދިވެހިން މަރުހަބާ ކިޔާ ކަމަށެވެ.

ކޮވިޑުގައި މަރުވާ މީހުން ވަޅުލުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ބުނެފައި ވީނަމަވެސް، ބަލި ޖެހިގެން މަރުވާ މީހުން ހަށިގަނޑު ވަޅުލުމުން، ބިންގަނޑަށް އެ ބަލި ފެތުރި، ބޯފެނުގެ ޒަރިއްޔާއިން އެހެން މީހުނަށް ބަލި ޖެހޭނެކަމުގެ ބިރު ފަތުރާފައިވަނީ، ރައީސް ގޮތާބޭ ރާޖަޕަކްސައަށް ތާއީދުކުރާ ހަރުކަށި ފިކުރު ބުޑިސްޓު މޮންކުންކަމުގެ ތުހުމަތު ވަނީ އަމާޒުވެފައި އެވެ.

ލަންކާ ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގާތްގަނޑަކަށް 21 މިލިއަން މީހުންގެ އާބާދީގައި، 10 ޕަސަންޓް މުސްލިމުން ދިރިއުޅޭ ލަންކާގައި، ދީނީ އުސޫލުތަކާއި އާދަކާދައަށް ސަރުކާރުން ފުރަގަސްދީފައިވާކަމަށް ބުނެ، ލަންކާގައި ލަންކާގެ ބައެއް ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުންވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މަރުވެފައިވާ މީހުންގެ ހަށިތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިސްލާމްދީނުގައި އަންގަވާފައިވެއެވެ. އަދި ހަށިތައް އަންދާލުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ވަރަށް ގިނަ އިލްމުވެރިން ވިދާޅުވެއެވެ.