ކޮވިޑް-19 ޖެހިގެން އެހެންް ގައުމުތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރުއީ މަސްލަހަތެއް އޮތްތަން ފެންނާން ނެތް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިހް އަބްދުﷲ ބިން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަމުންދާތީ، އެކަމާ އެގައުމުގެ މުސްލިމުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ވަޅުލައި ދިނުމަށް ލަންކާ ސަރުކާރުން އެދިފައިވާތީ، އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން ޝައިހް އަބްދުﷲ ވިދާޅުވީ ކޮވިޑް-19 ޖެހިގެން ލަންކާއިން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރުޢީ މަސްލަހަތެއް އޮތްތަން ފެންނާން ނެތް ކަމަށެވެ. އެކަމުގެ ގިނަ ސަބަބުތަކެއްވެސް ވިދާޅުވެ ދެއްވިއެވެ.
އެގޮތުން ދީނުގައި ވަނީ މައްޔިތާ ވަޅުލުން އަވަސް ކުރުމަށް ކަމަށާ މިކަން މިގޮތަށް ކޮށްފިނަމަ އެކަމާއި ފުށުއަރާނެ ކަމަށް ޝައިހް ވިދާޅުވިއެވެ. އަދި ޝަރުއީ އުޒުރެއް ނެތި މަރުވާ ރަށުން އެހެން ތަނަކަށް މައްޔިތާ ބަދަލުކުރުމަކީ އެދެވޭ ކަމަކަށް ނުވުމާއި ސްރީލަންކާގެ ބިމުގައި ތަނަވަސްކަން އޮވެމެ، ދިވެހިރާއްޖެ ފަދަ އާބާދީގެ ނިސްބަތުން ބިން ދަތި އަދި ރައްޔިތުންގެ ޖަނާޒާއަށް ވެސް ބިމުގެ ދަތިކަން މިހާރުވެސް އޮތް ގައުމަށް ރާއްޖެވާކަން ފާހަގަ ކުރެއްވިއެވެ.
އަދި މިކަމަށް އެދިފައިވާ ކަމަށް ވަނީ ސްރީލަންކާގެ ސަރުކާރުން ކަމަށްވީ ހިނދު ލަންކާގެ އިލްމުވެރިންގެ ބަހެއް އޮތްތޯ އާއި އަދި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ލަންކާ މުސްލިމުން އިންކާރުކޮށްފައިވާކަން ފެންނަން ނެތް ކަަމަށް އަބްދުﷲ ވިދާޅުވިއެވެ. އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ބިންދަތި ތާކަށް މައްޔިތާ ގެނައުމުގެ ބަދަލުގައި ދިވެހީން ލަންކާއަށް ފޮނުވައިދީގެން އެކަން ހަމަޖެއްސުމުގައި ހަރަދު ކުޑަވުމާއި، ދިމާވެދާނެ އެތައް މައްސަލައެއް ނުނިކުންނަފަދަ ގޮތަށް ހަމަޖެއްސުމުގެ ގާބިލުކަން ސަރުކާރަށް އެބައޮތް ކަމަށް ޝައިހް އަބްދުﷲ ވިދާޅުވިއެވެ.