ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށް، ކާފިއު އިއުލާނު ކޮށްފައިވާ އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު އެ މީހުން އާއިލާތަކަށް ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ، އަންނަ އާދީއްތަ ދުވަހު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް މުދާ ބަލައި، ލަންކާއަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު، އެ ފްލައިޓުގައި ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު ރާއްޖޭގައި ތިބި އެ މީހުންގެ އާއިލާތަކަށް ދޭން ނިންމާފައިވާ ކަމަށެވެ.
އެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި، ފޮރިން މިނިސްޓްރީގެ އިތުރުން ފުލުހުންނާއި ކަސްޓަމްސް އިން މޯލްޑިވިއަން އާއެކު މަސައްކަތް ކުރެވެމުންދާ ކަމަށާއި، އެކަމުގެ ތަފްސީލުތައް ފޮރިން މިނިސްޓްރީން ވަރަށް އަވަހަށް ހާމަކުރާނެކަމަށް މަބުރޫކު ވިދާޅުވި އެވެ.
"ލަންކާ މި ވަގުތު ލޮކްޑައުންކޮށްފައި އޮތީމާ، އެގޮތަށް ފޮނުވާ ތަކެތި ލަންކާގައި ތިބި ދިވެހިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން،" އޭނާ ތަފްސީލުކޮށްދެއްވި އެވެ.
ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 115 އަށް އަރާފައިވާއިރު، އޭގެ ތެރެއިން އެކަކު މިދިޔަ ހޮނިހިރު ދުވަހު ވަނީ މަރުވެފަ އެވެ.
ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ދިވެހިންގެ ބޮޑު އާބާދީއެއް އޮންނަ ލަންކާގެ ގިނަ ސަރަހައްދުތަކަށް އަދިވެސް ވަނީ ކާފިއު އިއުލާނުކޮށްފަ އެވެ. އަދި އެ ގައުމަށް ބޭރުން މީހުން އެތެރެވުން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް މަނާކޮށް، އެއާޕޯޓުތައްވެސް ވަނީ ބަންދުކޮށްފަ އެވެ.
ރާއްޖެ އިން މުދާ ހުސްވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅު ތަކެއް އަޅަން ވަނީ ފަށައިފަ އެވެ. މިގޮތުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި 10 ޓަނުގެ މުދާ ރޭ ވަނީ ގެނެސްފަ އެވެ. މި ތަކެތީގެ ތެރޭގައި ތަރުކާރީ އާއި މޭވާ އަދި ބޭހުގެ ސާމާނު ހިމެނެ އެވެ.