ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަރަންޓީނު މީހުނަށް ހާއްސަ ޗުއްޓީއެއް ދެން ލާޒިމުކޮށްފި

Sep 6, 2020
2

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ކުރާ މީހުނަށް ހާއްސަ ޗުއްޓީއެއް ދޭންޖެހޭ ގޮތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމަށް ދިމާވެފައިވާ ހާލަތުގައި އަމަލުކުރާނެ ގޮތް ހިމަނާ އެކުލަވާލާފައިވާ އެ ބިލުގައި ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭއިން ބޭރުން އައިސް ނުވަތަ އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭގައި އައިސޮލޭޓު ވާންޖެހޭ މުވައްޒަފުންނަށް ވެސް އެ ހާއްސަ ޗުއްޓީ ދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަށް ލާޒިމް ވާނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ސޮއިކޮށް ދީފައިވާ ލިޔުމެއް ދެއްކުމުންނެވެ.

އޭގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކަށްވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ވާނެ ކަމަށްވެސް އެބިލުގައި ވަނީ ބުނެފަ އެވެ. އެގޮތަށް ޗުއްޓީދޭން ޖެހެނީ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ލިޔުން ވަޒީފާ ދޭ ފަރާތަށް ހުށަހެޅުމުންނެވެ.

ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު، އޭނާއަކީ އެމީހާ ބެލުން ހަވާލުވެފައިވާ މީހެއް ކަމުގައި ވާނަމަ އެމީހަކަށްވެސް ހާއްސަ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކޮވިޑާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ ޗުއްޓީއެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮވިޑް-19 އިގެ ހާލަތުގައި ވަޒީފާއިން ވަކިނުކުރެވޭނެ ހާލަތްތަކެއް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެގޮތުން ވަޒީފާ އަދާކުރާ ފަރާތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިކުރުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް އުޖޫރަ ދިނުމަށް ވަޒީފާ އަދާކުރާ ފަރާތުން އެއްބަސްވެފައިވާ މުއްދަތު ފަސްކުރުން، އަދި އުޖޫރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމުގެ އިތުރުން ވަޒީފާއިން ވަކިކުރުން ހިމެނެ އެވެ.

ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ނުރަނގަޅު އަސަރުކޮށްފައިވާ ނަމަ ވަޒީފާދޭ ފަރާތަށް އެ ފިޔަވަޅުތައް އެޅޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ތަން ބަނގުރޫޓުވުން ނުވަތަ އާމްދަނީ ދަށްވުން ހިމެނެ އެވެ. ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮސްފައިވާކަން ބަލާ ގަވައިދެއް އެ ބިލު ފާސްކުރާތާ 14 ދުވަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީއަކުން އެކުލަވާލަން ވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ކޮވިޑާއި ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޓްރިބިއުނަލަށް ދިއުމުގެ ހައްގު ބިލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން މުވައްޒަފާ މެދު ފިޔަވަޅު އަޅާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހާއި ކޮވިޑާއި ގުޅިގެން އިއުލާނުކޮށްފަައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހާ ދެ ތާރީހު ތެރެއިން ފަހުން ބައްދަލުވާ ތާރީހުގެ ތެރޭގައި މައްސަލަ ހުށަހަޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެ އެވެ.