ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕާކިސްތާނާއި ފިލިޕީންސްގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

Mar 23, 2020
3

ޕާކިސްތާނާއި ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިރޭ ބުނެފި އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ ޕާކިސްތާނުގައި ތިބި 13 ދަރިވަރަކު ރާއްޖެ ނާދެވިގެން އުޅޭ ކަމަށެވެ. އެ 13 ދަރިވަރުންނާ ވެސް ފޮރިން މިނިސްޓްރީއިން މިހާރު ގުޅާފައިވާ ކަމަށެވެ.

ޕާކިސްތާނުން ވަނީ އެ ގައުމަށް ބޭރު ގައުމުތަކުން ފްލައިޓްތައް ޖެއްސުން މަނާކޮށްފަ އެވެ. ކޮވިޑް-19ގެ ކޭސްތައް މިންވަރު ޕާކިސްތާނުގައި ވެސް ދަނީ އިތުރުވަމުންނެވެ.

މަބުރޫކު ވިދާޅުވީ އެ 13 ދަރިވަރުންނަށް ރާއްޖެ އާދެވޭނެ ޓްރެވެލް ރޫޓްތައް ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއިން މިހާރު ކުރަމުންދާ ކަމަށެވެ.

ހަމައެގޮތަށް ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންތަކެއް ވެސް ރާއްޖެ ނާދެވިގެން އުޅެ އެވެ. އެ ގައުމުން ބޭރުގެ ފްލައިޓްތައް މަނާކޮށްފައިނުވީ ނަމަވެސް ފްލައިޓްތައް ބާރު ބޮޑުވެ ޖާގަ ނުލިބޭ ކަމަށް މަބުރޫކު ވިދާޅުވި އެވެ. އެހެންވެ، އެ ދަރިވަރުންނަށް ރާއްޖެ ނޭދެވިގެން އުޅެނީ ކަމަށެވެ.

މަބުރޫކު ވިދާޅުވި ގޮތުގައި އެ ދަރިވަރުންނަށް ރާއްޖެ އަދެވޭނެ ޓްރެވެލް ރޫޓްތަކެއް ހޯދުމަަށާއި އެ ދަރިވަރުންނަށް ގުޅައި ހާލު ބެލުމުގެ މަސައްކަތް ވެސް ފޮރިން މިނިސްޓްރީއިން ކުރަމުންދާ ކަމަށެވެ.

އިއްޔެ ވެސް ރާއްޖެއަށް ބޭރު ގައުމުތަކުން 91 ދިވެހިން އައިސްފައިވެ އެވެ. ބޭރުގެ އެއްވެސް ގައުމަކުން އަންނަނަމަ މިހާރު 14 ދުވަހުގެ ކަރަންޓީނަށް ދާން ޖެހެ އެވެ.