ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލަންކާއިން އައި މީހެއް ޓެސްޓް ކުރަނީ

Mar 21, 2020

ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން، ސްރީލަންކާއިން ރާއްޖެ އައި "އެލިއޯން" ކިޔާ އުޅަނދަކުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ ޓެސްޓްގެ ނަތީޖާ ލިބެންދެން އެ އުޅަނދު މޮނިޓަރިން ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އެ އުޅަނދަކީ ރާއްޖެއަށް މި މަހުގެ 17 ވަނަ ދުވަހު އުޅަނދެކެވެ.

ލަންކާއިން ރާއްޖެއަށް މީހުން އެތެރެވުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަ ދުވަސް ވަނީ ވެފަ އެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ގިނަ ގައުމުތަކުން ރާއްޖެއަށް އައުން މަނާކޮށްފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސެއް ވެސް 14 ދުވަހު އެކަހެރިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގެސްޓްހައުސްތަކަށް ގެސްޓުން ގެނައުން މަނާކޮށް ސްޕާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ސަފާރީތަކާއި ޔޮޓްތައް ރާއްޖެ އައުން ވެސް މަނާކޮށްފައިވެ އެވެ.