ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

އިންޑިއާގައި ތިބި 200 ދިވެހިން ރާއްޖެ ގެންނަނީ

އިންޑިއާގެ ނުވަ ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެއަށް ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން ގައި ތިބި އެ ދިވެހިން ގެންނާނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ކަމަށެވެ.

މި ފްލައިޓް ދިއްލީގެ އިތުރުން ޓްރިވެންޓްރަމްގައި ޖައްސާނެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ދެ ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓްތައް ކެންސަލްވުމުން ނާދެވި ތިބި މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ މީހުންނާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިންވެސް އަންނާނެ ކަމަށް ވަނީ ބުނެގައެވެ.

މި ފްލައިޓްއިން ދަތުރުކުރާ މީހުން އަންނާނީ އެ މީހުންގެ އަމިއްލަ ހަރަދުގައި ޓިކެޓް ގަނެގެންނެވެ.

ފޮރިން މިނިސްޓްރީން ބުނީ އަދިވެސް އިންޑިއާގައި ރާއްޖެ އަންނަން ބޭނުންވެ ނާދެވިފައި ތިބި ދިވެހިން ތިބުމުން އިތުރު ފްލައިޓްތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮރޯނާގެ ބަލިމަޑުކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރު މުޅިން ހުއްޓި، ގައުމުތައް ބަންދުކުރުމުން އެތައް ގައުމެއްގައި ދިވެހިން ތާށިވިއެވެ. އެ ކަމާއި ގުޅިގެން ގައުުމުތަކަށް ޗާޓަރު ފްލައިޓްތައް ފޮނުވައިގެން ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ.

ވަރަށް އަވަހަށް ޔޫކުރެއިންގައި ތިބި 23 ދިވެހިންވެސް ރާއްޖެ ގެނައުމަށް ވަނީ ނިންމާފައެވެ.