ދިވެހި ރުފިޔާ އެކައުންޓުން ބޭރަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމައަށް، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގައި ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
ބީއެމްއެލްއިން އެކަމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށާ ކަސްޓަމަރުން ހަމައެކަނި ދައްކަންޖެހޭނީ ފޮރިން ބޭންކް ޗާޖް ކަމަށްވެސް ވަނީ ބުނެފައެވެ.
އެގޮތުން މޯބައިލް ޕޭ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށްވެސް ދިވެހި ފައިސާގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން 500 ޑޮލަރާ ހަމައަށް ފައިސާ ފޮނުވޭނެ ކަމަށެވެ. އަދި މި ހިދުމަތް ލިބޭނީ ފޮރިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސްއިން ބުންޏެވެ.
ރާއްޖޭން ބޭރުން އޭޓީއެމް އިން ފައިސާ ނެގޭ އަދަދު އިތުުރު ކުރުން
މީގެ އިތުރުން ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިލް ކާޑް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ދުވާލަކު އޭޓީއެމްއިން ނެގޭ އަދަދުވެސް މިހާރު ވަނީ އިތުުރުކޮށްފައެވެ.
އެގޮތުން ދުވާލެއްގެ މައްޗަށް 1،000 ޑޮލަރު ނެގޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.
އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާ ފީވެސް ވަނީ 15 ރުފިޔާއަށް ކުޑަކޮށްފައެވެ. އެއީ ކާޑް ނެޓްވޯކްތަކަށް ދައްކަންޖެހޭ ފީ އެވެ.
ބޭންކުން ބުނީ ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށެވެ.