ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

ދިވެހިން ގެންނަން މޯލްޑިވިއަންގެ ފްލައިޓެއް ލަންކާ، ކޮޗިންއަށް

ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސައިފި އެވެ.

މޯލްޑިވިއަންއިން ދެންމެ ބުނީ އާދިއްތަ އަދި ހޯމަ ދުވަހު ލަންކާއާ އިންޑިއާގެ ކޮޗިންއަށް ދަތުރުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ލަންކާއަށް ދެ ދަތުރު އަދި ކޮޗިންއަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ ދަތުރުތައް ހަމަޖެހިފައިވާ ގޮތުގެ ތާވަލެއްވެސް އާންމު ކޮށްފައެވެ.

އެގޮތުން ލަންކާއަށް މާދަމާ ދާ ފުރަތަމަ ފްލައިޓް ލަންކާއަށްދާނީ 17:40 ގައެވެ. އަދި ލަންކާއިން ރާއްޖެ އައުމަށް ފުރާނީ 18:40 ގައެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާނީ 20:20 ގައެވެ. ދެވަނަ ފްލައިޓް ލަންކާއަށްދާނީ މާދަމާ ހަވީރު 17:55 ގައެވެ. އަދި ލަންކާއިން ރާއްޖެ އައުމަށް ފުރާނީ 18:55 ގައެވެ.

ކޮޗިންއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު އޮންނާނީ ހޯމަ ދުވަހުއެވެ. އެ ދުވަހު މޯލްޑިވިއަންގެ ފްލައިޓް ކޮޗިންއަށްދާނީ 18:00 ގައެވެ. އަދި ދިވެހިންނާއެކު ރާއްޖެ އަންނަން ފުރާނީ 19:00 ގައި ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

މޯލްޑިވިއަންއިން ވަނީ އެ ދަތުރުތަކުގައި ރާއްޖެ އަންނަން ބޭނުންވާ މީހުން ޕާސްޕޯޓު ކޮޕީ އާއި ނަމާއި ގުޅޭނެ ނަންބަރުގެ މައުލޫމާތު އެ އެއާލައިންއަށް ވައިބާއިން ހިއްސާކޮށްދިނުމަށް އެދިފައެވެ.

މޯލްޑިވިއަންގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސާފައިމިވަނީ ކޮވިޑް19 ގެ ސަބަބުން އިންޑިއާ އަދި ލަންކާއިންވެސް ބޭރުގެ ހުރިހާ ދަތުރުތަކެއް ހުއްޓާލާ އެއާޕޯޓް ބަންދުކޮށްފައިވަނިކޮށެވެ. އެކަމާ ގުޅިގެން އެ ދެ ގައުމުގައި ރާއްޖެ ނާދެވި ވަރަށް ގިނަ ދިވެހިން އެބަ ތިއްބެވެ.

އެ މީހުން ރާއްޖެ ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ކުރިންވެސް ވަނީ ބުނެފައެވެ. ނަމަވެސް އޭރު ސަރުކާރުން ބުނީ އެ ގައުމުތަކުން އެއާ ސްޕޭސް ހުޅުވާލަން އެއްބަސްވެފައިނުވާތީ އެކަމުގައި އަލި މަގެއް ފެނިފައިނުވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެ ނާދެވި، ބަންގްލަދޭޝް، ނޭޕާލް އަދި މެލޭޝިޔާގައިވެސް ދިވެހިން އެބަ ތިއްބެވެ.