މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

އެކްސިޑެންޓްގައި ބޯޓުގެ ކަނދަށް ވަނީ ގެއްލުންވެފައި: ސިވިލް އޭވިއޭޝަން

ސީޕްލޭނެއް މިއަދު މޫދަށް ޖައްސަން އުޅުމުގެ ތެރޭގައި އެ ބޯޓުގެ ކަނާތު ކަނދަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ބުނެފި އެވެ.

މިހާދިސާ މިއަދު ހިނގީ ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން އެ އަތޮޅު ވެސްޓިން މޯލްޑިވްސް މިރިޔަންދޫ ރިސޯޓުގެ ފަޅުތެރެއަށް ބޯޓު ޖައްސަން އުޅުނު ވަގުތު އެވެ.

ގެއްލުންވި ބޯޓަކީ ޓީއެމްއޭގެ ބޯޓެކެވެ.

މިއަދު މެންދުރުފަހު 3:30 ހާއިރު މި ހާދިސާ ހިނގި ވަގުތު ބޯޓުގައި 11 ޕެސެންޖަރުންނާއި ކުރޫންގެ ގޮތުގައި ތިން މީހަކު ތިއްބެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަދި ބޯޓުގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

"މިހާދިސާ މިހާރު ދަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގު ކުރަމުންނެވެ." ސިވިލް އޭވިއޭޝަނުން މިރޭ ނެރުނު ބްލެޓިންއެއްގައި ބުނެފައިވެ އެވެ.