ރައީސް އޮފީސް

މޯލްޑިވިއަންގެ ޕައިލެޓުންނާއި ރައީސް ބައްދަލު ކުރައްވައިފި

މޯލްޑިވިއަންގެ ޕައިލެޓުންގެ ކަންބޮޑުވުންތައް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕައިލެޓުންނާއެކު ބައްދަލުވުމެއް ބާއްވާފައި ވަނީ މިއަދު މެންދުރު 12:00 ޖެހި އިރު ރައީސް އޮފީހުގައި ކަމަށެވެ. ބައްދަލުވުމުގައި ޕައިލެޓުން އެމީހުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައި ކަމަށެވެ.

މި ބައްދަލުވުން ބޭއްވި އިރު މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ އަންނަ ޖެނުއަރީން ފެށިގެން ކުރިން ހުރި ވަރަށް ބޮޑު ކޮށްދޭނެ ކަމުގެ ޔަގީންކަން އައިލެންޑް އޭވިއޭޝަނުން މިހާރު ވަނީ ދީފަ އެވެ. އެހެންވެ އިހުތިޖާޖު ހުއްޓާލައިފައިވާ ކަމަށް ޕައިލެޓުން ބުނެފައި ވެއެވެ. އަދި އެ މީހުން ވަނީ ވަޒީފާއަށް ވެސް ނުކުމެފަ އެވެ.

ޕައިލެޓަކު ބުނި ގޮތުގައި އައިލެންޑެ އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު މިހާދު ރޭ ވަނީ ޕައިލެޓުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި އަންނަ މަހުން ފެށިގެން މުސާރަ 80 ޕަސެންޓަށް ބަދަލު ކުރުމަށާއި ޖެނުއަރީން ފެށިގެން ހަމަ މުސާރައަށް އިއާދަ ކޮށް ދެއްވަން އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަތައް 40 ޕަސެންޓަށް ކުޑަކުރި އެވެ. ޕައިލެޓުން ބުނަނީ މި ވަގުތު ދަތުރުތައް އިތުރުވުމުން ކުރީގެ މުސާރަ ދިނުމުގައި އެ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.