ގަވައިދާ ހިލާފަށް ޕާކް ކުރުމުން ޖޫރިމަނާ ދައްކަންޖެހިފައިވާ މީހުންގެ ޖޫރިމަނާ ފައިސާ މައާފްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
ރާއްޖޭގައި މިފަހުން ރިޔާސީ ވައުދެއްގެ ގޮތުގައި ހިމަނައިގެން ޕާކިން ޖޫރިމަނާ މައާފްކުރުން ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ކުރިއަށްދެ އެވެ. ޕާކިން ޖޫރިމަނާ މައާފްކޮށްދިނުމަށް ރައީސް ސޯލިހް ނިންމަވާފައި މިވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ ޕާކިން ޖޫރިމަނާ މައާފްކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މިގޮތަށް ނިންމެވީ ތަފާތު އެކި ސަބަބުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. މީގެތެރޭގައި މާލޭގައި އެކަށީގެންވާ ވަރަށް ޕާކް ކުރާނެ ޖާގަ ނެތި ސްޓިކާ ޖަހާތީ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުން ދިއުމާއި ޓްރެފިކް ގަވައިދާ ހިލާފަށް ޖޫރިމަނާ ކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން ދިއުން ހިމެނެ އެވެ.
"އަދި ކޮވިޑް 19 އާއި ގުޅިގެން މާލީގޮތުން އާންމުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާ އެކު މިފަދަ ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުން ދިޔުންވެސް ހިމެނެ އެވެ. މިކަން މިގޮތަށް ހިންގަމުންދާކަން އެމަނިކުފާނަށާއި ސަރުކާރަށް ވެސް ގަބޫލުފުޅުކުރެވޭތީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދިނުމަށް އެމަނިކުފާނު ނިންމެވީ އެވެ،" ބަޔާނުގައިވެ އެވެ.
ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބި ކަމަށް ފާހަގަކުރައްވާ އެކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް އިންތިހާބުގެ ކެމްޕޭންގައި ރައީސް ވިދާޅުވެފައިވެ އެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޓްރެފިކް ގަވައިދާ ހިލާފަށް ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުއި ދެވޭނެ ގޮތެއްވެސް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ޖޫރިމަނާގެ ބާވަތަށް ބަލައި ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުން ޖޫރިމަނާތައް މާފްކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ލައިސަންސްގެ މައްސަލައިގައި ކޮށްފައިވާ ޖޫރިމަނާތައް މައާފްކޮށްދިނުމަށް ނިންމާފައިވަނީ ލައިސަންސް ލިބިފައިވާ މީހާ ދުއްވިއިރު އަތުގައި ލައިސަންސް ނެތި ދުއްވުމާއި، ލައިސަންސް ގެއްލިފައި ވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ ހަލާކުވެފައިވަނިކޮށް ދުއްވުމުގެ އިތުރުން ލައިސަންސްގައި ހިމެނިފައި ނުވާ ގިންތިއެއްގެ ވެހިކަލެއް ދުއްވި މައްސަލަތަކުގައެވެ.
ތަމްރީން ޕްރޮގްރާމު ހިންގަންޖެހެނީ ދިވެހި ފުލުހުންގެ ހިދުމަތުން ދެ ހަފްތާއާއި އެއްމަސް ދުވަހަށް ވުރެ ދިގު ނުވާނެ ގޮތަކަށެވެ.
"މިގޮތަށް މިކަންކުރުމުގެ ބޭނުމަކީ ޓްރެފިކް ގަވައިދާ ހިލާފްވާ ފަރާތްތަކުން މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުމެވެ. އަދި މީގެސަބަބުން ޓްރެފިކް ގަވައިދުތަކަށާއި އިޖުތިމާއީ އެހެން މައްސަލަތަކާއި ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރުކުރެވިގެންދާނެ އެވެ." ބަޔާނުގައިވެ އެވެ.