މޯލްޑިވްސް ޕޮލިސް ސާވިސް

ފާއިތުވި ދެ މަހު މާލެ ސަރަހައްދުގައި 600 އެކްސިޑެންޓް!

ފާއިތުވި ދެ މަހުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި 600 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ މާލޭ އޭރިއާ އެކެއްގެ ވިންގް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި މާލޭގައި އެކަނި 450 އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވި ގޮތުގައި ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ގިނަ ފަހަރު ދުއްވާ މީހުންގެ އިހްމާލުތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ބާރު ސްޕީޑުގައި ދުއްވުމުންނާއި، އޯވާޓޭކް ކުރުމުންނާއި، ނުބައި ލޭންގައި ދުއްވުމުންނާއި އަދި ޔޫޓާން ނެގުމުގެ ސަބަބުންވެސް އެކްސިޑެންޓްތައް ހިނގާފައިވާ ކަމަށެވެ.

"މިހާރަކަށް އައިސް މަގުތަކުގައި ވެހިކަލް ޕާކް ކޮށްފައި ހުންނަ ގޮތުންވެސް ބައެއް އެކްސިޑެންޓްތައް ހިނގާފައި އެބަހުރި މަގު ސާފުކޮށް ނުފެންނާތިޥޭ،" ސަމީރު ވިދާޅުވި އެވެ.

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު ވިދާޅުވީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކަންބޮޑުވާ ވަރަށް އެކްސިޑެންޓްތައް ހިނގުން އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. ފާއިތުވި ދެ މަހު ހުޅުމާލެ އިން އެކަނިވެސް އެކްސިޑެންޓްގެ 150 އެއްހާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގާފައިވާ ގޮތް ހިއްސާކުރައްވަމުން ރަޖުނީ ވިދާޅުވީ މަގުމަތީގެ ގަވައިދުތަކަށް ސަމާލުކަން ނުދިނުމާއި، މުވާސަލާތީ ހިދުމަތްތައް ބޭނުންކުރަމުން ހިނގުމާއި ދުއްވުން އަދި ބާރު ސްޕީޑްގައި ވެހިކަލް ދުއްވުންވެސް ހިމެނޭ ކަމަށެވެ.

"މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާ ލިބި ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓްތައް ހިނގާފައި އެބަހުރި،" ރަޖުނީ ވިދާޅުވި އެެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުޅުމާލޭގައި އެކްސިޑެންޓް ހިނގުން މަދުކުރުމަށްޓަކައި ބައެއް ޕޮއިންޓުތަކުގައި ރޯޑް ޑިވައިޑާ ޖެހުމާއި ޓްރެފިކް ކޮންޓްރޯލްކުރުމަށް ރައުންޑްބައުޓް ބެހެއްޓުމާއި ސްޕީޑް ބްރޭކަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ މަގުމަތީގައި ހިނގާފައި އުޅޭ މީހުންނާއި އުޅަނދުތައް ދުއްވާ މީހުންވެސް މަގުމަތީގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އެދިފަ އެވެ.