މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި 6500 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފި

ހުޅުމާލޭގައި މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 18 ދުވަހުގެ ތެރޭގައި 6،500 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފި އެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު 12 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ފުލުހުން ވަނީ 1،266 ކާރާއި، 5،427 ސައިކަލް ބަލައި ފާސްކޮށްފަ އެވެ.

މީގެތެރެއިން 88 ކާރަކާއި 394 ސައިކަލެއް ދުއްވި ފަރާތްތަކަށް ފުލުހުން ވަނީ ފިޔަވަޅު އަޅާފަ އެވެ.

ހުޅުމާލޭގައި ލައިސަންސް ނެތި ދުއްވި 10 ކާރަކާއި 102 ސައިކަލެއްވެސް ފުލުހުން ވަނީ ހުއްޓުވާފަ އެވެ. އަދި 20 ސައިކަލެއް ވަނީ ޓޯކޮށްފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމުއްދަތުގައި ކާރު ދުއްވި މީހުންގެ ތެރެއިން 85 މީހުންނަށް އަދި ސައިކަލް ދުއްވި މީހުންގެ ތެރެއިން 430 މީހަކަށް ނަސޭހަތް ދީފައިވެ އެވެ.

މީގެއިތުރުން ތިން ކާރަކާއި 40 ސައިކަލެއް ނުރައްކާތެރިކޮށް ދުއްވާފައިވާއިރު މަގުމަތީގައި އުޅަނދު ދުއްވުމުގެ ގަވައިދުތަކާ ހިލާފުވުމުގެ ސަބަބުން 34 ކާރަކާއި 148 ސައިކަލެއް ވަނީ ހުއްޓުވާފަ އެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ގިނަ ހާދިސާތަކަކަށްފަހު ފުލުހުން ވަނީ ޓްރެފިކް ބެލެހެއްޓުން އިތުރަށް ވަރުގަދަ ކޮށްފަ އެވެ.