ހަބަރު

ހުޅުމާލޭގައި ގަވައިދާ ހިލާފަށް ބަހައްޓާ ވެހިކަލްތައް ނަގަނީ

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް ނެގުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލޭގެ އެކި ސަރައްހައްދުތަކުގައި، ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތަކާއި ގިނަ ދުވަސްވަންދެން ބަހައްޓާފައިހުންނަ، ބާވެ ހަލާކުވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އެގޮތުން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓޯ ކުރުމަށް ހަމަޖެހިފައި ކަމަށެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތައް ޓޯކުރުމަށް ހަމަޖެހިމިވަނީ ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ހުޅުމާލެ ޕޮލިސް އާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

ގަވާއިދާ ހިލާފަށް ހުުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިހުރި އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުންނަ އުޅަނދުތައް ހުރެ އެވެ. ބައެއް ވެހިކަލްތައް ނުނަގާ އަހަރުތަކެއް ވެފައިވާއިރު ހުޅުމާލޭގައި އުޅޭ މީހުންގެ އާބާދީ އިތުރުވެ ޕާކް ކުރުމަށް ޖާގައިގެ ދަތިކަން ދަނީ މަދުން ނަމަވެސް ކުރިމަތިވަމުންނެވެ. ހާއްސަ ކޮށް ހުޅުމާލޭގައި ޓެކްސީ ކުރާ ފަރާތްތަކުގެ ކަންބޮޑުވުން އެ މައްސަލަ އަށް އޮވެ އެވެ.