މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކް ކުރާ މައްސަލަ ބޮޑުވެ އެފަދަ އުޅަނދުތަކުގައި އަލުން ސްޓިކާ ޖެހުމަށް ފުލުހުން ނިންމައިފި އެވެ.
މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކްކުރުން އިތުރުވެ އާންމުންނަށް ބޮޑު ތަކުލީފަކަށް އެކަންވީ ޕާކިން ޖާގަ ހެދެންދެން ވެހިކަލްތަކުގައި ސްޓިކާ ޖެހުން މަޑުޖައްސާލާ މިދިޔަ ޖެނުއަރީ އަށްވަނަ ދުވަހު ފުލުހުން އެކަން އާންމު އިއުލާންކުރުމުންނެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމުން ޕާކް ކުރުމަށް ޕާކިން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްގައި ނޫނީ އެއްގަމު އުޅަނދު ޕާކް ކޮށްފިނަމަ މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
"މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް މަގުމަތި ހެދުމަށް މި ހިދުމަތުގެ ފަރާތުން މިއަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ މަގުމަތީގައި ހިނގާފައި އުޅޭ މީހުންނާއި ދުއްވާ މީހުންނާއި ހާއްސަކޮށް ޕަބްލިކް ޓްރާންސްޕޯޓް އަދި އެމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ގަވައިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާތީ މާލެ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި އާންމުން ޕާކް ކުރުމަށް ހަދާފައިވާ ޕާކިން ޒޯން ނޫން ތަނެއްގައި ޕާކް ނުކުރުމަށް އެދޭ ކަމަށެވެ.
ފުލުހުން ހާއްސަ އިސްކަމެއް ދީގެން ބެލުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް
- ގްރީން ޒޯން
- މަގުތަކާއި ގޯޅިތަކުގެ ކަންމަތި
- ސްކޫލުތައް ހިމެނޭ ސަރަހައްދު
- އޮފީސް އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާންމު ގޭބިސީތަކާއި، ގަރާޖުތަކަށް ވަދެނިކުމެ ހަދާ ސަރަހައްދުތައް
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި މި ހަތަރު ޕާކިން ބިލްޑިންގެ މަސައްކަތް މި މަހުގެ ތެރޭގައި އެއްފަހަރާ ފެށުމަށްވެސް ވަނީ ނިންމާފަ އެވެ.
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި އަމީނީމަގުގައި ޓްރެފިކް ޕޮލިސް ސްޓޭޝަން ކައިރީގައި އާއި ހ. ސަމޯސާވިލާ ގެއިންނާއި އަމީނީމަގުން ދަރުބާރުގެ ކައިރީގައި އޮންނަ ރުށްގަނޑު ސަރަހައްދާއި މާފަންނު ކޮރަލް ބޮލެވާޑް ސަރަހައްދުން ޕާކިންއަށް ވަނީ ބިން ދޫކޮށްފަ އެވެ. އަދި ހައިކޯޓު ކައިރިން މ. ސްޓާލިން އަދި ލާމި ގޭގައިވެސް ވަނީ ޕާކިން ޒޯނެއް ހަދާފަ އެވެ.