މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެ އާއި ހުޅުމާލެ އިން ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިމަހުގެ ހަވަނަ ދުވަހު މާލެ އާއި ވިލިމާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި މާލޭގެ ދެ އެޕާޓްމަންޓަކާއި ފިހާރައަކާއި ގުދަނެއްގެ އިތުރުން ހުޅުމާލޭގެ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވެ އެވެ.
ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ސައިޒުގެ އަށް ކޮތަޅު ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނި 36 އަހަރުގެ މީހަކާއި 44 އަހަރުގެ މީހަކާ އަދި 46 އަހަރުގެ މީހެއްގެ އިތުުރުން 54 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 46 އަހަރުގެ މީހާ ހަތް ދުވަހަށް، ދެންތިބި ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.