ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކާފިއު ވަގުތު ބޭރުގައި އުޅޭނަމަ ޖޫރިމަނާކުރަނީ

ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތްވެރިވެ އެކަން ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރުގެ ތިން ގަޑިއިރު މާލެ ސަރަހައްދުގެ މަގުމަތީގައި އުޅުން މަނާ ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވަނީ ނިންމާފައެވެ. އަދި ކޮންމެ ދުވަހެއްގެ އެ ވަގުތަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހުއްޓާލާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅުން މަނާކޮށްފައިވާ ވަގުތުތައް ނޫން އެހެން ވަގުތުތަކުގައި މާލެ ސަރަހައްދުގެ މަގުތަކަށް އެކީގައި ތިން މީހުނަށް ވުރެ ގިނައިން ނުނުކުތުމަށް ވެސް އަންގާފައެވެ.

ފުލުހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ އެންގުންތައް ތަންފީޒު ކުރުމުގެ މަސައްކަތް އެ މުއައްސަސާއިން ކުރަމުން ގެންދާނެ ކަމަށެވެ. އަދި ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތްވެރިވެ އެކަން ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ.

ފުލުހުން ވަނީ ހުރިހާ ރައްޔިތުންވެސް ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުންތަކަށް ތަބާވުމަށް ގޮވާލާފައެވެ.

ކާފިއު ވަގުތުގައިވެސް ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނީގެ މުވައްޒަފުންނާއި އެ ތަންތަނުގެ އުޅަނދުފަހަރު ނުކުމެ އުޅުން މަނައެއް ނުވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ ތެރޭގައި ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު އާއި، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އާއި އެމްބިއުލާންސް ހިމެނެ އެވެ. ވެމްކޯގެ މުވައްޒަފުންނާއި އުޅަނދުފަހަރުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އުރީދޫ، ދިރާގު، ބޭންކްތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އަޅައިގެން އުޅޭ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރަށް ވެސް އެ ވަގުތު މަގުތަކުގައި އުޅެވޭނެ އެވެ. އަދި ދައިލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރުތަކާއި ޑިޕްލޮމެޓިކް އުޅަނދުފަހަރުތަކަށް ވެސް އުޅެވޭނެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ކޮންމެ މީހަކަށް ވެސް އެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި އުޅެވޭނެ އެވެ.