ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮންމެ ދުވަހެއްގެ ތިން ގަޑިއިރަށް މާލެ މަގުމަތީ އުޅުން މަނާ ކުރަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރުގެ ތިން ގަޑިއިރު މާލެ ސަރަހައްދުގެ މަގުމަތީގައި އުޅުން މަނާ ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ އެ ވަގުތަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހުއްޓާލާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅުން މަނާކޮށްފައިވާ ވަގުތުތައް ނޫން އެހެން ވަގުތުތަކުގައި މާލެ ސަރަހައްދުގެ މަގުތަކަށް އެކީގައި ތިން މީހުނަށް ވުރެ ގިނައިން ނުނުކުތުމަށް ވެސް އެޗްޕީއޭއިން އަންގާފައިވެ އެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މަގުމަތީގައި އުޅުން މަނާ ކުރި ނަމަވެސް ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނީގެ މުވައްޒަފުންނާއި އެ ތަންތަނުގެ އުޅަނދުފަހަރު ނުކުމެ އުޅުން މަނައެއް ނުވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ ތެރޭގައި ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު އާއި، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އާއި އެމްބިއުލާންސް ހިމެނެ އެވެ. ވެމްކޯގެ މުވައްޒަފުންނާއި އުޅަނދުފަހަރުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އުރީދޫ، ދިރާގު، ބޭންކްތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އަޅައިގެން އުޅޭ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރަށް ވެސް އެ ވަގުތު މަގުތަކުގައި އުޅެވޭނެ އެވެ. އަދި ދައިލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރުތަކާއި ޑިޕްލޮމެޓިކް އުޅަނދުފަހަރުތަކަށް ވެސް އުޅެވޭނެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ކޮންމެ މީހަކަށް ވެސް އެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި އުޅެވޭނެ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 18 މީހެކެވެ. އޭގެ ތެރޭގައި ހިމެނޭ ތިން ދިވެހިންނާއި ބޭރަށް ފުރައިގެން ދިޔަ އިޓަލީ ދެ ޓޫރިސްޓުން ފިޔަވައި ދެން ތިބި މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލިން ރަނގަޅުވި މީހުނަކީ ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

މިހާތަނަށް ވެކްސިންއެއް ޔަގީން ކުރެވިފައި ނުވާ ކޮވިޑް-19 ގެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާ އެކު ފެތުރެމުންދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުގައި ދަނީ މަގުމަތީގައި ނޫޅެވޭ ގޮތަށް ކާފިއު ހިންގަމުންނެވެ. އަދި އާންމުކޮށް އެއްވެ އުޅޭ ތަންތަން ވަނީ ބަންދުކޮށްފަ އެވެ.