ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގައި އިމާރާތް ކުރުމާއި ވިޔަފާރިކުރުން ވަކި ގަޑިތަކަކަށް މަނާކުރަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިމާރާތް ކުރުމާއި ވިޔަފާރި ކުރުން ވަކި ގަޑިތަކަކަށް މަނާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ފިހާރަތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދު ކުރަން ޖެހޭނެ ކަމަށެވެ. މިހާރު ވެސް ގިނަ ފިހާރަތައް އެ ވަގުތަށް ބަންދު ކުރި ނަމަވެސް މާލެ ސަރަހައްދުގައި ބައެއް ފިހާރަތަކުން އެ ވަގުތުތަކުގައި ވެސް ހިދުމަތް ދެ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ އެ ތިން ރަށުގައި ހިންގާ ކެފޭ އާއި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްތައް ދޭ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް ދިނުން ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް މެދުކަނޑާލަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މިހާރު ވެސް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި މީހުން ތިބުން އޮތީ މަނާކޮށްފަ އެވެ.

މާލެ ސަރަހައްދުގެ ތިން ރަށުގައި ހިނގަމުންދާ އިމާރާތް ކުރުމުގެ މަސައްކަތްތައް ވެސް ހަވީރު 5:00 އިން ފެށިގެން ހެނދުނު 6:00 އަށް ކުރިއަށް ގެންދިއުން މަނާ ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން 8:00 އަށް އާންމުކޮށް މަގުމަތީގައި އުޅުން ވެސް މަނާ ކުރަން ވަނީ ނިންމައިފަ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލި ރާއްޖޭން ވެސް ފެނުމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މިހާރު ވެސް މާލެ ސަރަހައްދުގެ ކުޅިވަރު ކުޅޭ ތަންތަނާއި ޖިމްތަކާއި ސިނަމާތަކާއި ޕާކްތަކާއި މައިޒާންތައް ބަންދުކޮށްފައިވާއިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލައިފަ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 18 މީހެކެވެ. އޭގެ ތެރޭގައި ހިމެނޭ ތިން ދިވެހިންނާއި ބޭރަށް ފުރައިގެން ދިޔަ އިޓަލީ ދެ ޓޫރިސްޓުން ފިޔަވައި ދެން ތިބި މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލިން ރަނގަޅުވި މީހުނަކީ ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

މިހާތަނަށް ވެކްސިންއެއް ޔަގީން ކުރެވިފައި ނުވާ ކޮވިޑް-19 ގެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާ އެކު ފެތުރެމުންދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުގައި ދަނީ މަގުމަތީގައި ނޫޅެވޭ ގޮތަށް ކާފިއު ހިންގަމުންނެވެ. އަދި އާންމުކޮށް އެއްވެ އުޅޭ ތަންތަން ވަނީ ބަންދުކޮށްފަ އެވެ.