ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

މާލޭން ދާން ބޭނުންވާ މީހުން ރަށްރަށުގައި ކަރަންޓީނުކުރަނީ

މާލޭ ސިޓީގެ ލޮކްޑައުންއާ ގުޅިގެން ރަށްރަށަށް ނުދެވިފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީނު ކުރުމާ ބެހޭ އުސޫލެއް ނެރެ އަމަލު ކުރަން ފަށައިފި އެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ރަށްރަށުގައި ކަރަންޓީނުވުމަށް ފުރުސަތު ދެވޭނީ ކައުންސިލްގައި އެކަމަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަދި އެމީހުން ކަރަންޓީނުވުމަށް އެދޭ ގެއަކީ ހޯމް ކަރަންޓީނުގެ އުސޫލަށް ފެތޭ ތަނެއްތޯ ކައުންސިލްތަކުން ބަލާނެ ކަމަށެވެ.

އެކަން ކަށަވަރު ކުރުމަށްފަހު، ކައުންސިލުން އެދޭ ތަރުތީބުން ލިސްޓް ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ފޮނުވައި މީހުން ރަށްރަށަށް ގެންދިޔުމުގެ އިންތިޒާމް ހަމައްސަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ. ކަރަންޓީނަށް މީހުން ރަށްރަށަށް ގެންދާނީ ސަރުކާރުގެ ހަރަދުގަ އެވެ. އަދި ގޭގައި ކަރަންޓީނުވުމަށް އަންގާނީ 24 ދުވަހަށެވެ.

އެ 24 ދުވަހުގެ ކަރަންޓީނަށްފަހު ކޮވިޑް-19އަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ވެއްޖެނަމަ، އެމީހަކު ކަރަންޓީނު ދޫކޮށްލެވޭނެ އެވެ.

މިގޮތަށް ގޭގައި ކަރަންޓީނުވުމަށް ރަށްރަށަށް ފޮނުވާނީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ.

ކަރަންޓީނުވުމަށް އެދޭ ގޭގައި 60 އަހަރުން މަތީގެ މީހެއް، މާބަނޑު މީހެއް ނުވަތަ ކިޑްނީގެ ބަލިތައް، ނޭވާ ހިއްލުން ފަދަ ބަލިތައް ހުންނަ މީހަކު ދިރިއުޅޭ ގެއަކަށްވެގެން ނުވާނެ އެވެ. ކަރަންޓީނު ކުރާ މީހުން ބަހައްޓަން ޖެހޭނީ އެހެން މީހުންނާ ވަކިން ކޮޓަރިއެއްގަ އެވެ.

ކަރަންޓީނު ކުރާ މީހުންނަށް ވަކި ފާހަނާއެއް ވެސް ހުންނަން ޖެހެ އެވެ. އަދި ކަރަންޓީނު ކުރާ މީހުން ބޭނުން ކުރާ ސާމާނު ވެސް ބަހައްޓަން ޖެހޭނީ ވަކިންނެވެ.

މީގެއިތުރުން މީހުން ކަރަންޓީނު ކުރާ ގޭގެއަށް އެއްވެސް މީހަކު ޒިޔާރަތްކޮށްގެން ނުވާނެ އެވެ. އަދި ކަރަންޓީނު ކުރާ ގޭގައި ދިރިއުޅޭ މީހުން، ބަޔަކު ކަރަންޓީނުގައި ތިބޭ މުއްދަތުގައި އެގެއިން ނުކުމެގެން ވެސް ނުވާނެ އެވެ.

މާލޭގައި ކޮވިޑް-19އާ ގުޅިގެން ގިނަ ބަޔަކު ތާށިވެފައި ތިބިއިރު ރަށްރަށަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވެފައި ވެސް ގިނަ ބަޔަކު އެބަތިއްބެވެ. މިހާރު މާލެއިން މީހުން ގެންގޮސް ކަރަންޓީނު ކުރަނީ ރިސޯޓްތަކުގަ އެވެ. ނަމަވެސް އެކަމަށް ދިގު މުއްދަތެއް ނަގައި މީހުންނަށް ރަށަށް ދެވުން ލަސްވާތީ ކަންބޮޑުވުންތައް ގިނަ އެވެ.