ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަހުމަދު ނަސީމް

"ކޮވިޑް ފިޔަވަޅުތައް އަލުން ހަރުކަށި ކުރާނަން"

Feb 25, 2021
6

މާލޭގައި ކޮވިޑް-19 އިގެ ހާލަތު ވަރަށް ގޯސްވެ ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް މިއަދު އިންޒާރު ދެއްވައިފި އެވެ.

އޭނާ މިހެން ވިދާޅުވީ ޓުއާ އޮޕަރޭޓަރުންނާއި އެޖެންސީތަކުގެ ގާނޫނެއް އެކުލަވައިލަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަސީމް ވިދާޅުވީ މިއަދު ހެނދުނު ވެސް މާލޭގެ ޕޮޒިޓިވް ކޭސްގެ އަދަދު 139 އަށް އަރާފައިވާ ކަމަށާއި އެ އަދަދުތައް 200 އިން މައްޗަށް ދާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި ވިދާޅުވީ މާލޭގައި ކޮވިޑްގެ ހާލަތު އައުޓް އޮފް ކޮންޓްރޯލް އޮތް ކަމަށެވެ. އަދި މާލޭގައި މިހާރު ކޮވިޑް ފެތުރިފައިވާ އޮތް މިންވަރު ނުވެސް އެނގޭ ކަމަށެވެ.

"އަޅުގަނޑު [އަވާހަރަފުޅުން] ހޭލިއިރު 139 ކޭސް. މިއަދު ދާނެ ކަމަށް އެބަ ބެލެވޭ 200 އިން މައްޗަށް. މިހާރު ހުރިހާ ބޭފުޅުންނަށް ހީވަނީ ދެން މި ކަންތައް މި ނިމުނީއޭ. ވެކްސިން ޖަހާލީމާ ނިމުނީއޭ... އެހެން ވާން އޮތް ކަމެއް ނޫން މިއީ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ގައިދުރު ކުރުމާއި މާސްކު އަޅަން ނުޖެހޭނެ ކަމަށް ވާހަކަތައް ފަތުރާ ކަމަށާއި އޭގެ ސަބަބުން ބައެއް މިސްކިތްތަކުގައި މީހުން މާސްކު ނަގައިގެން ނަމާދުކުރާ ކަމަށެވެ. އޭނާ އެހެން ވިދާޅުވި ވަކި މިސްކިތެއް ފާހަގަ ނުކުރައްވަ އެވެ.

އޭނާ ވިދާޅުވީ މާލޭގެ ހާލަތު ވަރަށް ނުރައްކާ ކަމަށާއި މާލެއަށް ލޮކްޑައުންގެ ހާލަތު އަލުން ގެންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ ހިސާބަށް ކަންކަން ދިޔައީ މިހާރު ހުރި ފިޔަވަޅުތަކަށް އެއްބާރުލުން ނުދޭތީ ކަމަށެވެ. އެހެން ނަމަވެސް "ފުލް ލޮކްޑައުން" އަކަށް ދާން އަދި އެފޯޑް ނުކުރެވޭނެ ކަމަށެވެ.

"އެކަމަކު އެ ހާލަތު މި އޮތީ މާލޭގައި މިހާރު" އޭނާ ވިދާޅުވި އެވެ. "ޔޫކޭގައި ވެސް ފުރަތަމަ ހުރި ފިޔަވަޅުތައް ދޫކޮށްފައި ފިޔަވަޅު އެޅީމާ މައިތިރި ނުވި ދެން އަނެއްކާ ލޮކްޑައުން ކުރަން ޖެހުނީ. އެ ހާލަތު އަޅުގަނޑުމެންނަށް ވެސް މި އޮތީ. އިތުރު ފިޔަވަޅުތައް އަޅާނަން. އެކަން ކުރަން ޖެހޭ،"

އޭނާ ވިދާޅުވީ އެ ފިޔަވަޅުތައް އެޅިއަސް ޓޫރިޒަމް ސިނާއަތަށް އަސަރެއް ނުކުރާނެ ކަމަށް ޓޫރިޒަމް ދާއިރާގައި ބަލި ފެތުރިދާނެތީ ކަންބޮޑުވުމެއް ނެތް ކަމަށާއި މައްސަލައަކީ މާލެ ކަމަށެވެ.