ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ކޭސް އިތުރުވިޔަސް ހިފެހެއްޓޭނެ ގާބިލުކަން އެބަހުރި"

ލޮކްޑައުންއަށް ލުއިއެއް ދިނުމަށް ފަހު ރާއްޖޭގައި ކޮވިޑް-19 އިގެ ކޭސްތައް އިތުރު ވެއްޖެ ނަމަ ވެސް ހިފަހައްޓާލުމުގެ ގާބިލްކަން ސިއްހީ ނިޒާމުގައި މިހާރު އެބަހުރި ކަމަށް އައިޖީއެމްއެޗްގެ ފަރާރުން ޑރ. އަލީ ލަތީފް ވިދާޅުވެއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް މިހާރު ފުރުސަތުތަކެއް ފަހިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ލޮކްޑައުނަށް ލުއިކަން ދިނުމަކީ ކޮވިޑް-19 ރާއްޖެއިން ފިލައިގެން ދިޔުން ނޫން ކަމަށާއި ފުދޭ ވަރަކަށް ގިނަ ދުވަސްވަންދެން ދިވެހިން ކޮވިޑް-19 އާއެކުގައި އުޅެން އަދި ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ މިދިޔަ ދެ ހަފްތާ ތެރޭގައި ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ރޭޓް ދަށްވެފައިވާ ކަމަށާއި ސިއްހީ ނިޒާމް ވެސް އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

އެގޮތުން ކުރިން ކޮވިޑް-19 އަށް ހާއްސަ ހޮސްިޕޓަލެއް ނެތް ނަމަވެސް މިހާރު ހުޅުމާލެ މެޑިކަލް ފެސިލިޓީ އާއި ޓްރީޓޮޕް ހޮސްޕިޓަލް އެބަހުރި ކަމަށާއި އެތަންތަނުން 300 އަށް ވުރެ ގިނަ އެނދު ލިބިގެން ދާ ކަމަށް އަލީ ވިދާޅުވި އެވެ. އަދި މިހާރު ގޭގައި ކަރަންޓީން ކުރެވޭނެ އުސޫލު ހަމަޖެހިފައިވާއިރު 400 އަށް ވުރެ ގިނަ މީހުންނަށް ތިބެވޭނެ އައިސޮލެޝަން ފެސިލިޓީތައް ވެސް ގާއިމް ކުރެވިފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

"މިކަހަލަ ކްރައިޓީރިއާއަކީ އަޅުގަނޑުމެން ލޮކްޑައުން އިން ނިކުންނައިރު ކޮންމެހެން ވެސް ހުންނަން ޖެހޭ ކަންތައްތަކެއް. އެއީ ބަލިވެއްޖެ ނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީތައް ގާއިމް ކުރުމާއި ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރުމާއި އެޑްމިޓް ކުރެވޭނެ ފެސިލިޓީޓައް ގާއިމް ކުރުން،" ޑރ. އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ދުވާލެއްގެ މައްޗަށް 600 ޓެސްޓު ހެދޭނެ ކަމަށާއި އޭޑީކޭ އިން ވެސް ޓެސްޓު ހަދަން ފަށާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ. އެހެންކަމުން ލޮކްޑައުންއަށް ލުއިއެއް ދީފައި ވަަނިކޮށް ކޭސްތައް އިތުރު ވިޔަސް އެކަން ހިފަހައްޓާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލޮކްޑައުންއަށް ލުއިއެއް ދޭއިރުގައި ކޭސްތައް އިތުރުވެއްޖެއާ އެކަން އަޅުގަނޑުމެންނަށް ހޭންޑަލް ކުރުމުގެ ގާބިލްކަން އެބަހުރި،" ޑރ. އަލީ ވިދާޅުވި އެވެ.

ލޮކްޑައުންއަށް ލުއިއެއް ދިނުމުން ނިކުންނަ މީހުން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ ހިލާފަށް އުޅޭނަމަ ގާބިލްކަން ހުރި މިންވަރަށް ވުރެ ވެސް އިތުރަށް ކޭސްތައް ގިނަ ވެދާނެ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް ގޮސްފި ނަމަ އަލުން ފުލް ލޮކްޑައުންއަކަށް ގެންދާނެ ކަމަށް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެހަފްތާގެ މިހާ ބޮޑު ރިސްޓްރިކްޝަންއެއް މި ބާއްވަނީ އަޅުގަނޑުމެން ދޫކޮށްލީމަ އޭގެ ސަބަބުން ނިކުންނަ ނަތީޖާ މި އިނގެނީ އޭގެ ދެ ހަފްތާ ފަހުން. އެހެންވެ އަޅުގަނޑުމެންނަށް ނުކެރޭނެ އެހާ ބޮޑަށް ދޫކޮށްލަން. އެހެންވެގެން މިހާ ބޮޑަށް ހިފަހައްޓާފަ މި އޮތީ،" އަލީ ވިދާޅުވި އެވެ.

ލޮކްޑައުންއަށް ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ބައެއް ފިހާރަތައް ހުޅުވާލުމާއި ގޭބިސީއަކުން މަގުމައްޗަށް ނިކުމެ އުޅެވޭ މީހުންގެ އަދަދާއި ބޭރަށް ނިކުމެގެން އުޅެވޭ ގަޑި ވަނީ އިތުރުކޮށްފަ އެވެ. އޭގެ އިތުރުން ބައެއް ވިޔަފާރިތަކަށް ވެސް ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1457 އަކަށް އަރައިފަ އެވެ. އަދި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފަ އެވެ.