ރަސްމީ ގައިޑްލައިނަށްވުރެ ހަރުކަށިކޮށް ބައެއް ކައުންސިލްތައް އަމަލު ކުރާ ކަމަށާއި ސާމްޕަލް ނަގާއިރު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ގޮވާލައްވައިފި އެވެ.
މައިމޫނާ އަބޫބަކުރު މިއަދު ވިދާޅުވީ އަތޮޅުތަކުގައި ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ އިރުގަ އާއި ބައްޔަށް ޝައްކު ވެގެން ސާމްޕަލް ނަގާއިރު ބައެއް ކައުންސިލްތަކުން އެޗްޕީއޭގެ ގައިޑްލައިނަށް ވުރެ ހަރުކަށިކޮށް އަމަލު ކުރަމުންދާ ކަމަށެވެ. އަދި އެ ގޮތަށް އެކަން ނުކުރަން އެކަމަނާ އެދި ވަޑައިގަންނަވަ ކަމަށެވެ.
"ބައެއް ރަށްތަކުގެ ކައުންސިލްތަކުންނާއި ޓާސްކްފޯސް ޓީމުން ހަރުކަށިކޮށް ވެސް އަމަލު ކުރަމުން އެބަދޭ. މިހާލަތުގަ އެ މީހާ ނޫން އެހެން މީހަކަށް ވެސް އެއްވެސް ހާލަތެއް އެއްވެސް ތާކަށް ނުދެވޭ ގޮތަށްވެސް އެބަހަދާ. މިފަދަ ކަންކަމުގަ އަޅުގަނޑުމެން އަމަލު ކުރަން އަންގާފައިވާ ގޮތަށް އަމަލު ކުރުމަށް އެދެން،" މައިމޫނާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން އެކުލަވާފައިވަނީ ގިނަ ހާލަތްތަކުގަ ފަސޭހަ ކަމާއެކު ރައްޔިތުންނަށް ދިރިއުޅުމުގެ ކަންކަން ކުރަން މަގުފަހިވާނެ ގޮތަށް ކަމަށެވެ.
އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާ ފަރާތަކާ އެއްވެސް ގޮތަކުން ކޮންޓެކްޓް ވެފައިވާ ފަރާތެއް ނަމަ އަމިއްލައަށް އައިސޮލޭޓް ވާން ޖެހޭނެ އެވެ. އަދި އަލާމާތެއް ފެނިއްޖެ ނަމަ ވަގުުތުން އެކަން ކަމާބެހޭ ފަރާތްތަކަށް އެކަން އަންގަން ޖެހޭނެ އެވެ. އަދި މިފަދަ ހާލަތްތަކުގައި އެމީހަކު ދިރިއުޅޭ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންދެވޭނެ އެވެ.