ކޮވިޑް-19 ހުރިތޯ ބަލަން ހެދި ޓެސްޓުގެ ނަތީޖާ ލަސްވެގެން، ދަރިފުޅުގެ ގުނަވަނެއް ނަގަންޖެހުނު ކަމަށް ބުނެ މަޝްހޫރު ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އޭނާގެ އިހުސާސްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.
ހުސެން ކުރި ޕޯސްޓެއްގައި އޭނާ ވަނީ އޭނާގެ 17 އަހަރުގެ ދަރިފުޅުގެ ގުނަވަން (ސިއްްރުކޮށްފައި) ނަގަން ޖެހުނު ކަމަށްބުނެ އެކަން ހިނގައިދިޔަގޮތް ހިއްސާކޮށްފަ އެވެ. އޮޕަރޭޝަނަށްފަަހު ދަރިފުޅުގެ ހާލު ރަނގަޅު ނަމަވެސް، އެކަން ހިނގައިދިޔަ ގޮތާއި ހިނގަން މެދުވެރިވި ގޮތުން ހުސެން ވަނީ ޝަކުވާތައް ބަންޑުންކޮށްލާ އައިޖީއެމްއެޗަށް ތުހުމަތު ކޮށްފަަ އެވެ.
އޭނާ ބުނި ގޮތުގައި މިދިއަ މަހުގެ 27 ވަނަ ދުވަހު ރޭގަނޑު 9:30 ހާއިރު ދަރިފުޅު އައިޖީއެމްއެޗްގެ އީއާރު އަށް ދަަރިފުޅު ގެންދިޔައީ ވަރަށް ބޮޑަށް ރިއްސާތީ އެވެ. އޭރު އީއާރުގައި އިން ޑޮކްޓަރު ބޭރުފުށުން ބަލާފައި ދޫކޮށްލީ ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް ބުނެ އެވެ. އަދި ޔަގީންތޯ އެތައް ފަހަރަަކު ޑޮކްޓަރާ ސުވާލު ވެސް ކުރި ކަމަށް ހުސެން ބުންޏެވެ.
އޭގެ ދެ ދުވަސް ފަހުން ދަންވަރު 2:30 ހާއިރު އަނެއްކާ ވެސް ރިއްސާ ދުޅަވެފައިވާތީ އައިޖީއެމްއެޗަށް ހުސެން އޭނާގެ ދަަރިފުޅު ގޮވައިގެން ދިޔަ އެވެ. އޭރު އީއާރުގައި އިން ޑޮކްޓަރު ދަރިފުޅު ބޭރުފުށުން ބަލާފައި ވަރަށް ކަންބޮޑުވުން ފާޅުކުރި ކަމަށް ހުސެން ބުންޏެވެ. އަދި ޑޮކްޓަރު އިރުޝާދު ދެއްވީ ވީއެންމެ އަވަހަކަށް ސްކޭން ކުރުމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗުން އަމަލު ކުރާ އުސޫލުގެ ދަށުން ސްކޭން އެއް ކުރެވޭނީ ކޮވިޑް-19 އަށް ޓެސްޓުކޮށް އޭގެ ނަތީޖާ ލިބުމުންނެވެ. ސްކޭން އެއް ހެއްދޭތޯ މަސައްކަތް ކުރި ނަމަވެސް، ކޮވިޑް ޓެސްޓުުގެ ނަތީޖާ ނުލިބެނީސް ސްކޭން އެއް ހެއްދޭ ގޮތެއް ނުވި އެވެ. އެހެންކަމުން ޑޮކްޓަރުގެ އެދުނީ އީއާރްގައި 7-6 ގަޑި އިރު މަޑު ކުރުމަށް ނޫނީ ގެއަށްގޮސް ހެނދުނު 9:00 ޖަހާލާއިރު އައުމަށެވެ. ހުސެންްގެ އާއިލާ ދިޔައީ ގެއަށެވެ.
"9:30 ހާއިރު ދަރިފުޅު ގޮވައިގެން އަައިސް ސްކޭން އެއް ހެދޭތޯ މަސައްކަތް ކުރިން. ކޮވިޑް ޓެސްޓުގެ ނަތީޖާ ނުލިބެނީސް ސްކޭން ނުކުރެވޭނެ ކަމަށް އީއާރް އިން ބުނި. ސްކޭން ކުރަންވީ އެކި ސަަބަބުތައް ދައްކާ މަސައްކަތް ކުރުމުންވެސް ސްކޭންއެއް ހެދޭ ގޮތެއް ނުވެ 10 ޖަހާއިރު ދިޔައީ"
ހުސެންގެ ދަަރިފުޅުގެ ކޮވިޑް ޓެސްޓު ނަތީޖާ ލިބުނީ އެރޭ 8:00 ހާއިރު އެވެ. ޖެހިގެން އަައި ދުވަހު ހެނދުނު ހޮސްޕިޓަލަށް ގޮސް ސްކޭން ކުރި އިރު އޮތީ މާ ލަސްވެފަ އެވެ. އެންމެ ފަހުން ޖެހުނީ ގުނަވަން ނަގާށެވެ.
މިއީ އައިޖީއެމްއެޗުގެ އިހުމާލުން އޭނާގެ ދަރިފުޅަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި މިކަން ފަސޭހައިން ދޫކޮށް ނުލާނެ ކަމަށް ހުސެން ވަނީ ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި މި ވާހަކަތައް ހިއްސާ ކުރުމުން އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ނުރުހުން އޭނާ އަށް އަމާޒުވި ކަމަށާއި ސްކޭން ނުކޮށް ހުސެން ދަރިފުޅު ގޮވައިގެން ގެއަށް ދިޔުމުން އެންމެ ފަހުން ކުއްވެރިވީ އޭނާ ކަމަށްވެސް ބުނެފައި ވެ އެވެ.
" އަހަރުމެން ގެއަށް ދިއައީ އޭރު އީއާރްގައި ހުރި ޑޮކްޓަރުގެ ލަަފައާއެކު. މިކަން މިގޮތަކަށް ދުލެއް ނުކޮށްލާނަން. އެއްވެސް މީހަކު މިކަހަލަ ކަމަކާ ހެދި ގެއްލުމެއް ތަހައްމަލް ކުރާކަށް ނުޖެހޭނެ"
މި މައްސަލައިގައި އައިޖީއެމްއެޗުގެ ބަހެއް ނުލިބެ އެވެ.
ކޮވިޑް-19 އަށް ފަހު އަައިޖީއެމްއެޗްގެ އިހުމާލެއް ކަމަށްބުނެ އިތުރު މައްސަލަ އެއްވެސް ފެންމަތި ވިި އެވެ. ކެންސަރު ބަލީގެ މީހަކަށް ފަަރުވާ ނުދެވި މަރުވާން ޖެހުނީ ޓެސްޓު ހެދުން ލަސްވެގެން ކަމަށް އާއިލާ އިން ބުންޏެވެ. އެކަން ހޮސްޕިޓަލުން ދޮގު ކުރި އެވެ.