ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކޮށްފާނެ

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދެއްވައިފި އެވެ.

ކޮވިޑް19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާނު ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ.

އެ ހާލަތު އިއުލާން ކޮށްފައި ވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށެވެ.

އެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރު ކޮށްފައިވާއިރު އެންމެ ފަހުން އިތުރުކުރި މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ރޭ ރާއްޖެ ޓީވީގަައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ހާލަތު އުވާލުމާއި ގުޅޭގޮތުން އަދި ގޮތްތަކެއް ނިންމާފައި ނުވާ ކަމަށެވެ. މި ހާލަތުގައި ބަލި ކޮންޓްރޯލް ކުރަން މަަސައްކަތް ކުރުމަށް ގިނަ ފަސޭހަތަކެއް ލިބޭތީ، ލޮކްޑައުން އުވާލި ނަމަވެސް ސިއްހީ ކުއްލި ހާލަތުގެ މުއްދަތު އިތުރު ވުމަކީ ވެދާނެ ކަމެއް ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ ނިންމުމެއް އަދި ނިންމާފައިނުވާ ކަމަށާއި ނިންމާ ގޮތެއް ވަރަަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ލުޔެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަނީ ވިދާޅުވެފަ އެވެ.

މާލޭގެ ލޮކްޑައުން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ މާލެއިން ފުރަތަމަ ކޮވިޑް-19 ކޭސް ފެނުމާއެކު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ލޮކްޑައުންގެ މުއްދަތު ވަނީ އިތުުރު ކޮށްފަ އެވެ. އެންމެ ފަހުން އިތުރުކުރި މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް ހަމަވާނެ އެވެ.

ރޭ ރައީސް ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ލޮކްޑައުންއަށް ލުޔެއް ދޭއިރު، އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާ އެގޮތުން ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން ހިމެނޭ ކަމަށެވެ. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށް ވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ. މި ލުއިތައް ދޭނެ ގޮތުގެ ތަފްސީލުތައް ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލެ ލޮކްޑައުންގެ ހާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ގާބިލްކަން މިހާރަށް ވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ވެސް ހަމަ ކުރާނެ ކަމަށެވެ.

މާލޭގެ އިތުުރުން ރަށްރަށުގައިވެސް ވަނީ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ރައީސް ވިދާޅުވީ ބަލި ނެތް އެހެން ރަށްރަށުގައި ވެސް ލުއިތަކެއް ދިނުމަށް މިހާރު އޮތީ ނިންމާފައި ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދިޔުން."