ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަމިއްލަ ކްލިނިކްތަކުގެ ޑޮކްޓަރުން ޓާސްކު ފޯހުގައި ބައިވެރިކުރަނީ

May 4, 2020

އަމިއްލަ ކްލިނިކުތައް ފަދަ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ކޮވިޑް-19 އާ ދެކޮޅަށް އެކުލަވާލާފައިވާ ނެޝަނަލް ޓާސްކު ފޯހުގައި ހިމެނުމަށް މަޝްވަރާ ކުރެވެމުން އަންނަކަމަށް ސަރުކާރުން ބުނެފި އެވެ.

އެންއޯއައިސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ހިންގާ ކްލިނިކު ފަދަ ތަންތަނުގައި މަސައްކަތް ކުރާ ސިއްހީ ފަންނުވެރިން، ނެޝަނަލް ޓާސްކު ފޯހުގައި ބައިވެރިކުރަން މަޝްވަރާތައް ކުރެވި އެކަމަށް ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށެވެ.

މަބުރޫކު މި ގޮތަށް ވިދާޅުވެފައިވަނީ، ސިއްހީ ހިދުމަށްދޭ ޕްރައިވެޓު ތަންތަނުގެ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވާފައިވަނިކޮށެވެ.

ކޯވިޑް-19 އާ ގުޅޭގޮތުން ރައީސް ސޯލިހު މިއަދު ހަވީރު ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ ވަގުތީ ގޮތުން ހިދުމަތާ ދުރަށް ޖެހިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުންވެސް މިހާރު މި ބަލިމަޑުކަމާއެކު ހިދުމަތަށް ނުކުންނަވާފައިވާ ކަމަށެވެ.

"އަދި ސިއްހީ ހިދުމަތްދޭ ޕްރައިވެޓް ތަންތަނުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އެހީތެރިކަން ވެސް މިވަގުތު ވަރަށް ބޮޑަށް ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބުރޫކު ވިދާޅުވީ ބޭރުގެ އެކި ގައުމުތަކުގައި ސިއްހީ ދާއިރާއިން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން މިހާރު ރާއްޖެ އައިސްފައިތިބި ކުދީންވެސް ޓާސްކު ފޯހުގައި އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.