ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ވަމުންދިޔަ ފެނަކަ ކޯޕަރޭޝަނާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ފައިދާވެފައިވާކަން ހާމަކޮށްފި އެވެ.
މިއީ މި ސަރުކާރުން ގެނައި ބަދަލުތަކާއި އެޅި ފިޔަވަޅުތަކުގެ ސަބަބުން އައި ބަދަލެއް ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ބުނެ އެވެ.
ދަރަނީގެ ސަބަބުން އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފެނަކައަށް މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ޖުމުލަ 11 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް ދައްކަ އެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 4 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި 7 މިލިއަން ރުފިޔާގެ ފައިދާ އެވެ.
ފެނަކައަކީ ކުރީގެ ސަރުކާރުގައި ހިންގުމުގެ ބޮޑެތި އިހުމާލުތަކާއި ކޮރަޕްޝަންގެ ސަބަބުން 2023 ވަނަ އަހަރު ނިމުނުއިރު 4 ބިލިއަން ރުފިޔާއާ ގާތްކުރާ ދަރަންޏެއް އޮތް ކުންފުންޏެކެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ގެނައި ބަދަލުތަކާއެކު، މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، ކުންފުނި ހިންގުމުގެ ހަރަދުތައް ބެލެހެއްޓިފައިވެ އެވެ.
ހަމައެހެންމެ އަބަދުވެސް ގެއްލުމުގައި ހިނގަމުން އައި ޕީއެސްއެމްއަށްވެސް ފާއިތުވި އަހަރުގެ ދެވަނަ ކުއާޓަރުގައި 27 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވެ އެވެ. މިއީ ފާއިތުވި ކުއާޓަރުތަކުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ފައިދާ ލިބޭ ކުންފުނިތަކަކަށް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކާމިޔާބު ވަމުން ކަމަށް ސަރުކާރުން ބުނެ އެވެ.